16 Nov 2016, 17:19
ރާއްޖޭގެ ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ (ބީވީއައިއެސް) ގެ މެމްބަރުންގެ މެދުގައި ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭން ދިރާގުން އެއްބަސްވެއްޖެ އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު އާއި، އެކުންފުނީގެ ސީއެމްއޯ، އިޒަބެލް ހަޖްރީއެވެ. ބީވީއައިއެސްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް، މުހައްމަދު މާޒިން އާއި މަރިޔަމް ވަހީދާ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދިރާގުގެ ސީއީއޯ، އިސްމާއިލް ވިދާޅުވީ ލޯފަން ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށެވެ. އަދި އެ ޖަމިއްޔާއަށް ޚާއްސަކޮށްގެން ފޯރުކޮށްދިން ޕެކޭޖުގެ ދަށުން ޖަމިއްޔާގެ މެމްބަރުންނަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް މުހިއްމު މަސައްކަތެއް ކުރައްވަމުން ތި ގެންދަވަނީ. ރާއްޖޭގެ ލޯފަން ކުދިންގެ ކުރިއެރުމަށާއި އެމީހުންގެ ތަރައްގީއަށާއި ކިޔެވުމަށާއި އަދި މަސައްކަތަށް އެމީހުން ނެރުމަށްޓަކައި މުޖްތަމައަށް ވަރަށް މުހިއްމު މަސައްކަތެއް ތި ބޭފުޅުން ކުރައްވަމުން ތި ގެންދަވަނީ. އެ މަސައްކަތުގަ ކޮންމެވެސް ސިފައެއްގަ ދިރާގަށް ބައިވެރިވެވޭކަން އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑި އުފަލެއް،" އިސްމާއިލް ވިދާޅުވިއެވެ.
ލޯފަން ބޭފުޅުންގެ ޖަމިއްޔާގެ ގިނަ ހަރަކާތްތައް ބާއްވަމުން އަންނަނީ ފޯނުގެ ޒަރިއްޔާއިންނެވެ. މީގެ ތެރޭގައި ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމިއްޔާގެ މެމްބަރުންގެ މެދުގައި ހިންގޭ ތަފާތު ތަރައްގީ އާއި ތަމްރީން ޕްރޮގްރާމުތައް ވެސް ކުރިއަށް ދަނީ ފޯނު މެދުވެރިކޮށެވެ. މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން މިފަދަ ހަރަކާތްތައް ހިންގަން ފަސޭހަވެ، ޖަމިއްޔާގެ ތެރޭގައި ފުރުސަތުތައް ގިނަވެ، މެމްބަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އެ ޖަމިއްޔާގެ ރައީސް މާޒިން ވިދާޅުވީ ދިރާގުން އެޖަމިއްޔާއަށް ކޮންފަރެންސް ކޯލް ކުރުމުގެ ޚިދުމަތް ހިލޭ ދިނުމުގެ ސަބަބުން ޖަމިއްޔާ ހިންގުމަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ. އަދި މިހާތަނަށް އެ ޖަމިއްޔާގެ ކޮމިޓީ ބައްދަލުވުންތަކާއި އެހެނިގެން ބައްދަލުވުންތައްވެސް ކުރިއަށް ގެންދަނީ ވަރަށް ބޮޑު ޚަރަދެއް ކޮށްގެން ކަމަށާއި ދިރާގުން ހަދިޔާ ކުރި ޕެކޭޖުގެ ސަބަބުން ހުރިހާ ގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާ ކަމަށް މާޒިން ވިދާޅުވިއެވެ.
މިއީ މިފަދަ ޕެކޭޖެއް ތައާރަފްކޮ، ޖަމާއަތަކަށް އަދި ކުންފުންޏަކަށް ދިރާގުން ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ. ދިރާގުން ބުނީ މި ޕެކޭޖުގެ ޚިދުމަތް އެ ޖަމިއްޔާއަށް ފޯރުކޮށްދެނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ހިމަނައިގެން ކަމަށެވެ.