މިއަހަރުގެ މިހާތަނަށް، ދައުލަތުގެ ޓެކްސް އޮތޯރިޓީ، މީރާއަށް ލިބުނު އާމްދަނީ 12.27 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެ އޮތޯރިޓީން ނެރެފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 888.4 މިލިއަން ރުފިޔާއެވެ. އަދި ޑޮލަރުގެ ގޮތުގައި 34.4 މިލިއަން (531.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.

މިއަހަރުގެ މިހާތަނަށް 12.27 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި މީރާއަށް ވަދެފައިވަނީ 11.24 ބިލިއަން ރުފިޔާ އެވެ.

އޮކްޓޯބަރު މަހުގެ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 545.17 މިލިއަން ރުފިޔާގެ އާމްދަނީ އެވެ. އޭގެ ތެރޭގައި ޖެނެރަލް ޓެކްސްގެ ގޮތުގައި ލިބުނު 236.5 މިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 308.6 މިލިއަން ރުފިޔާ ހިމެނެއެވެ. ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީގެ މިންވަރަކީ މިދިޔަ މަހުގެ މުޅި އާމްދަނީގެ 61.4 ޕަސެންޓެވެ.

މީރާއިން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ބީޕީޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު 48.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 48.9 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި މިދިޔަ މަހު 44.9 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާއިން ހާމަކުރެއެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިންނެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި މީރާއަށް ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 101 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މިދިޔަ މަހުގެ މުޅި އާމްދަނީގެ 11.4 ޕަސެންޓެވެ.