16 Nov 2016, 16:50
ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އާންމު އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ސަރުކާރު ހިންގާ ޕީޕީއެމުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީގައި ވާދަކޮށް ނާމާކިޔާބުވެއްޖެނަމަ އެހެން އެއްވެސް ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކޮށްގެން ނުވާނެ ކަމަށެވެ.
އެފަދަ މީހަކު އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހަޅައިފިނަމަ އެ މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ސައުދު ވިދާޅުވީ ޕާޓީއެއްގެ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ނަމުގައި އިންތިޚާބުގައި ވާދަކުރުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ފިތުނަ ފަސާދަ އުފެދޭތީ އެކަން ހައްލުކުރުމަށް ކަމަށެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އަދި މަޖިލީހަށް ނުއިއްވަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވުމާއެކު އެ ބިލުގެ މަރުހަލާ ފެށިގެން ދިޔައީ އެވެ.
އެފަދަ އިސްލާހެއް ހުށަހަޅާފައި ވަނީ ޕީޕީއެމް ދެބައިބެ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފެކްޝަނަކާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް މައުމޫނަށް ތާއިދު ކުރައްވާ ބައެއް ފަރާތްތަކުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނުކުތުމަށް ދަނީ މަޝްވަރާ ކުރުމުންނެވެ.