މިދިޔަ ހަފުތާ ބަންދުގައި އެމްޑީޕީން ތޮއްޑޫގައި ބޭއްވި ޖަލްސާ އަށް ބައެއް ބޭފުޅުން ވަޑައިގަތުމުގައި ސަރުކާރުން ދައުލަތުގެ އުޅަނދުފަހަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

އިދިކޮޅު ޒެޑް ޑީއާރުޕީގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހަސަން މަނިކު އިއްޔެ ވިދާޅުވީ ދައުލަތުގެ އުޅަނދުފަހަރު އެމްޑީޕީގެ ބޭނުންތަކަށް ސަރުކާރުން ބޭނުން ކުރާ ކަމަށާއި ތޮއްޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާ އަށް ވެސް ދައުލަތުގެ އުޅަނދުތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

"މިކަމަކީ މިސަރުކާރުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ކުރިއްސުރެ ކުރަމުން ގެންދާ ކަމެއް. މިކަން ބޮޑަށް ފަޅާއެރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ގދ. އަތޮޅުގައި ކެމްޕޭނު ކުރެއްވި އެމްޑީޕީގެ ދެ މެންބަރަކު ކޯސްޓްގާޑުގެ ލޯންޗެއްގައި މިއުޒިކް ކުޅޭ ބައެއް ސާމާނުތައް ގެންދިޔަ ހިސާބުން. އަނެއް ކޮޅުން ތޮއްޑޫން އެމަންޒަރު ފެނިގެން މިދިޔައީ. ސިޔާސީ ބޭނުމަކަށް ޓަކައި އެގޮތަށް ވަކިބަޔަކު ސަރުކާރުގެ ލޯންޗުތައް ބޭނުންކުރަމުން ގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް،" ނިހާން ވިދާޅުވި އެވެ.

ޑީއާރުޕީގެ ކުރީގެ ޑިޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ޒެޑްފެކްޝަންގެ އުމަރު ނަސީރު ވެސް ވިދާޅުވީ ތޮއްޑުއަށް އެމްޑީޕީން ދާދިފަހުން ކުރި ދަތުރުގައި ދައުލަތުގެ ލޯންޗުތައް ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެ އެ ރަށުގެ އާއްމު ބައެއް ފަރާތްތަކުން ވެސް ޝަކުވާ އުފުލާފައިވާ ކަމަށެވެ.

ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ރައީސް އޮފީހުގެ ހުރިހާ އުޅަނދެއް ވެސް ބަލަހައްޓަމުން ގެންދަނީ ސަލާމަތީ ބާރުތަކުން ކަމަށާއި ރައީސްގެ ކޮންމެ ދަތުރުފުޅެއްގެ ކަންތައްތައް ބަލަހައްޓަމުން ގެންދަ ވަނީ އެ ފަރާތުން ކަމަށެވެ. އެގޮތުން ތޮއްޑޫ ދަތުރުގައި ފުލުހުންގެ ލޯންޗެއް ހަމަޖައްސާފައި ވަނީ ވެސް ސަލާމަތީ ބާރުތަކުން ކަމަށާއި އެމްޑީޕީގެ އަމިއްލަ ބޭނުމަކަށް ދައުލަތުގެ އެއްވެސް އުޅަނދެއް ބޭނުންކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެ ލޯންޗުގައި އެމްޑީޕީގެ އާއްމު މެންބަރުންތަކެއް ދަތުރު ނުކުރާ ކަމަކަށް އޭނާ އިންކާރެއް ނުކުރައްވަ އެވެ.

"އެމްޑީޕީ ނޫން ބަޔަކު ކަމުގައި ވިޔަސް ދުރާލާ އެދިލެއްވީމާ އެކަންތައްތައް ހަމަޖެހިގެންދާނެ،" ޒުހެއިރު ވިދާޅުވި އެވެ.
އެމްޑީޕީން މިދިޔަ ހަފުތާ ބަންދުގައި ތޮއްޑޫގައި ބޭއްވި ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހު އެމްޑީޕީގެ ބައެއް ބޭފުޅުން ތޮއްޑު އަށް ވަޑައިގެންނެވި އެއް ލޯންޗަކީ، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ފުލުހުންގެ ލޯންޗެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީން ތޮއްޑޫގައި ބޭއްވި ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާއާ އެކު ފުލުހުންގެ ބޮޑު ލޯންޗެއް ތޮއްޑުއަށް ގޮސްފައި ވަނީ އެ ދަތުރަކީ ރައީސްގެ ދަތުރުފުޅެއް ކަމުގައިވާތީ ކަމަށެވެ. ނަމަވެސް ފުލުހުންގެ ލޯންޗުގައި އެމްޑީޕީގެ ބައެއް އާއްމުން މެންބަރުން ދަތުރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް ހަސަން ޝާހު އިއްޔެ ވިދާޅުވީ އެޖަލްސާގައި އެމްޑީޕީގެ 1200 އެއްހާ މީހުން ބައިވެރިވިއިރު އެމްޑީޕީގެ އާއްމު އެއްވެސް މެންބަރަކު ތޮއްޑު އަށް ދިޔަ ފުލުހުންގެ ބޮޑު ލޯންޗުން އެ ރަށަށް ގޮސްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ލޯންޗު އެރޭ ދަންވަރު މާލެ އައިއިރު އޭގައި ޕާޓީ އަށް ނިސްބަތްވާ އާއްމު މެންބަރުންތަކެއް އައިކަމެއް ނާންނަ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ މެންބަރުން ތޮއްޑުއަށް ގެންގޮސްފައި ވަނީ އެ ޕާޓީގެ ފަރާތުން އަމިއްލަ ފަރާތްތަކުގެ ލޯންޗްތައް ކުއްޔަށް ހިފައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.