ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިންގާފައިވާ ކޮރަޕްޝަނުގެ އެންމެ ބޮޑު މައްސަލަ ކަމުގައިވާ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގައި ގެއްލުނު ފައިސާ ސަރުކާރުން ހޯދާނެ ކަމަށާއި، މިވަގުތު އިންތިޒާރުކުރަމުން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ތައްޔާރުކޮށް ނިމެންދެން ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި ސަރުކާރުން މިވަގުތު މަޑުކޮށްގެން އޮތީ އޭސީސީގެ ތަހުގީގު ރިޕޯޓަށް ކަމަށެވެ.

"މި މައްސަލަތައް ތަހުގީގު ކުރަމުން ގެންގޮސް. ބައެއް މައްސަލަތައް ޕޮލިހުން ބަލަމުން ދިޔަ މައްސަލަތައް ތަހުގީގުކޮށް ނިމި، ޕީޖީ އޮފީހުން ޝަރީޢަތާ ހަމައަށް ގެންގޮސް، ބައެއް މައްސަލަތައް ޝަރީޢަތުގައި ވެސް އެބަހުރި. މި މައްސަލައިގެ ބޮޑު ބައި އޭސީސީއިން ބަލަމުން ދަނީ،" އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ، އެމްއެމްޕީއާރުސީއިން ގެއްލުނު 1.2 ބިލިޔަން ރުފިޔާގެ ފައިސާ ހޯދުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"އޭސީސީއިން ނިމުނުހާ އަވަހަކަށް ޕީޖީ އޮފީހާ ހަމައަށް ގޮސް އެ މައްސަލައިގެ ރިކަވަރީގެ ބަޔަށް ދާނަން. ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ދައުލަތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދެން. އަޅުގަނޑުމެން މި އިންތިޒާރުކުރަނީ އޭސީސީ ރިޕޯޓަށް،" އަނިލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައުލޫމާތުތައް ހާމަކޮށް، އެ ޚިޔާނާތް ފަޅާ އަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް އިއްޔެ ވަނީ އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.

ގާސިމް ފަޅާ އަރުވާލާފައިވަނީ، އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނާތްތެރިވުމަށްޓަކައި މެދުވެރިއެއްގެ ގޮތުގައި ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓުން އެހެން އެކައުންޓުތަކަކަށް ފައިސާ ޖަމާކުރި ގޮތުގެ ތަފްސީލުތަކެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތްތަކުގެ މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން، ވިޔަފާރިވެރިޔާ މ. ޝުރާމަންޒިލް ހާމިދު އިސްމާއިލް ވަނީ ޖަލު ހުކުމް އިއްވައިފައެވެ.

އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި އިތުރު މައްސަލައެއް ވެސް ކޯޓުގައި ނުނިމި އެބަހުއްޓެވެ.