މިސަރުކާރުގެ ފަސް އަހަރުތެރޭގައި 25 ކުއްޖެއްގެ ބޯންމެރޯ ޓްރާސްޕްލާންޓް، ޒަކާތު ފަންޑުގެ އެހީގައި ހަދައިދިނުމުގެ ވައުދު މިއަހަރު ފުއްދައިދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ އަންނަ ޑިސެމްބަރު މަހު ހަ ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ނިންމާފައިވާ އިރު އެ ކުދިންގެ ބޯންމެރޯ ހެދުމާ އެކު މިސަރުކާރުގައި 25 ކުއްޖެއްގެ ބޯންމެރޯ ހެދުނީ ކަމަށެވެ.

ކޮންމެ ކުއްޖެއްގެ ބޯން މެރޯ ހެދުމަށް ނުވަ ލައްކަ ރުފިޔާ މަދުވެގެން ހަރަދު ކުރަންޖެހޭ ރު އެ އަދަދު ދެގުނައަށް ވެސް ބައެއް ކުދިންނަށް ހަރަދު ކުރަން ޖެހޭ ކަމަށާއި އެފަރުވާއަށް ވަކި ލިމިޓެއް ނެތި ހަރަދު ކުރަމުން އަންނަ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ މިސަރުކާރުގެ ކުރިއަށްއޮތް މުއްދަތުގެ ތެރޭގައި ވެސް ބޯންމެރޯ ހަދައިދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށާއި އެކަމަށް ގިނަ ބަޔަކު އެދޭ ކަމަށެވެ.

ސަރުކާރުން މިދިޔަ އަހަރު ބުނެފައިވާ ގޮތުން، ބޯން މެރޯ ހެދުމަށް ބޭނުންވާ 34 ކުއްޖަކު ރާއްޖޭގައި ތިއްބެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން މިދިޔަ އަހަރު ޒަކާތު ފަންޑުގެ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ އިރު، އޭގެ ތެރެއިން ފުރަތަމަ 10 ކުދިން ފުރާފައި ވަނީ 2015 ގެ މާރިޗު މަހު އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި ބޯން މެރޯ ހެދުމަށް މިދިޔަ އަހަރު 18 ކުއްޖަކު ފޮނުވި އިރު އޭގެ ތެރެއިން 16 ކުއްޖަކު މިހާރު ވަނީ ތެލެސީމިއާ ބަލިން މުޅިން ސަލާމަތް ވެފަ އެވެ.

ބޯން މެރޯ ޓްރާންސްޕްލާންޓު ހެދުމަށް ފަހު ތިން މަސް ވަންދެން އެ ކުއްޖަކު އެ ގައުމެއްގައި މަޑުކުރަން ޖެހެ އެވެ. އަދި ޒަކާތު ފަންޑުން އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިންގެ ޓިކެޓާއި ހުރިހާ ޚަރަދުތައް ވެސް ހަމަޖައްސައިދެ އެވެ.

އެގޮތުން، ކޮންމެ ކުއްޖަކަށް ގާތްގަނޑަކަށް 45،000 ޑޮލަރު ޒަކާތު ފަންޑުން ޚަރަދުކުރާއިރު، ބޯން މެރޯ އޮޕަރޭޝަނަށް ގާތްގަނޑަކަށް 30،000 ނުވަތަ 35،000 ޑޮލަރު ހޭދަވާނެ ކަމަށް އެންސްޕާއިން ބުންޏެވެ.