16 Nov 2016, 15:53
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ބޭނުންވާ ތަފާތު 15 ވެހިކަލެއް ހޯދުމަށް ދެ ކުންފުންޏަކާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ވެހިކަލްތައް ހޯދުމަށް މިއަދު ސޮއިކޮށްފައި ވަނީ ފޭސް މޮންކީ އާއި ސެނޮކް ޓްރޭޑް ކޮމްބައިންއާ އެކުގަ އެވެ. އެ އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ.
ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ އެ ކުންފުނިތަކާ އެކު ވެމްކޯ އިން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ދެ އެކްސްކަވޭޓަރާއި 20 ޓަނުގެ ތިން ޑަމްޕް ލޮރީއާއި އެ ކުންފުނީގެ ކަލެކްޝަން ސާވިސްއަށް ބޭނުންވާ 1.5 ޓަނުގެ 10 ޕިކަޕް ހޯދުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ކަލެކްޝަން އަށް ބޭނުންވާ ހުރިހާ ވެހިކަލްތަކެއް ލިބޭނެ ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި ވެހިކަލްތައް އަންނާނެ ކަމަށް ރާއްޖެއަށް. އަދި ވެހިކަލްތައް ލިބުމާ އެކު ފުޅާ ދާއިރާއެއްގައި ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދޭނަން،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ނިމުމުގެ މަގުމަތީގައި އުޅޭއިރު އެތަން ވެސް ވަރަށް އަވަހަށް ވެމްކޯ އަށް ސަރުކާރުން ހަވާލުކުރާނެ ކަމަށެވެ. މިއަދު ސޮއިކުރި ވެހިކަލްތައް ލިބުމުން މާލޭގައި މިހާރު ކުނިއުފުލުމުގައި ހުރި ދަތިތައް ހައްލުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.