ސަރުކާރު ވެރިކަމަށް އައިތާ ތިން އަހަރު ފުރުމުގެ މުނާސަބާއާ ގުޅިގެން، އެކަމުގެ ފާހަގަކުރުންތައް ދެ ހަފްތާ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރިޔާސީ ހުވާ ކުރެއްވީ 2013 ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އަދި އެދުވަހާ އިއްތިފާގު ކުރުމަށްޓަކައި ޒުވާނުންގެ ދުވަހަކީ ވެސް ނޮވެމްބަރު 17 ވަނަ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެ ހަރަކާތްތަކުގެ ފެށުމަކީ މާދަމާ ރޭ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަފްލާ އެވެ. އެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދިގު ހަރަކާތުގެ ތެރެއިން އިތުރު، ބޮޑު ޖަލްސާއެއް ވެސް ބާއްވާނެ ކަމަށާއި، 28 ނޮވެމްބަރުގައި ބާއްވާ ޖަލްސާގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑާއިގަންނަވާނެ ކަމަށެވެ. މިއީ އެންމެ މުހިންމު ޖަލްސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި މި ޖަލްސާގައި އޮންނާނީ، މިދިޔަ ތިން އަހަރު ތެރޭގައި ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުން ހޯދާފފައިވާ ކާމިޔާބީތައް ހިއްސާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަވާވީސް ވަނަ ދުވަހު އޮންނާނެ ޒުވާނުންގެ އިވެންޓެއް. އަދި 30 ވަނަ ދުވަހު ވެސް އޮންނާނެ. މި ބަލަނީ ސަރުކާރުގެ ކާމިޔާބާ ގުޅޭ މައުލޫމާތާއި މުސްތަގުބަލަށް ރާވާފައި އޮތް ޕެލޭންސްތައް ކިޔައިދޭން،"

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މި މަސް ނިމުމާ ހަމައަށް ކުރިޔަށް ގެންދާ ފާހަގަކުރުންތައް ކުރިޔަށް ގެންދާނީ ގައުމީ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން، ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދިން ޚިދުމަތްތަކާއި، ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ވެސް ހިންގި ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު އަންގައިދޭން ބޭނުންވާ ކަމަށެވެ.

"އެއް ރަށެއްގައި ހުންނަ އިރު އަނެއް ރަށެއްގައި ހިނގާ ޕްރޮޖެކްޓްތަކުގެ މައުލޫމާތެއް ނުލިބޭ އެހާ ތަފްސީލުކޮށް،. އަޅުގަނޑުމެން ބޭނުންވަނީ އެކަންކަން ކިޔައިދޭން،"

އަނިލް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިވިލް ސާވަންޓުން ކަމަށާއި ސިވިލް ސާވަންތުން ވަމުންދާ ގުރުބާނީއާއި ފުރިހަމަ މަސައްކަތްތަކުގެ އަގު ވަޒަން ކޮށްދޭން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން މި ތިން އަހަރު ތެރޭގައި މިހާ ބަނދަރާއި ބޭސްފިހާރަ އަޅައިފީމޭ، ޓީޗަރުން ގެނެސްފީމޭ ބުނާ އިރު މިކަންކަން ކުރެވުނީ ރައީސްގެ ގައިޑަންސްއާ އެއްކޮށް ކުރިޔަށް ދާ އިރު، އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރާ ސިވިލް ސާވަންޓުންކަން ފާހަގަކުރަން ބޭނުން.،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ސަރުކާރުން ތިން އަހަރު ދުވަސް ތެރޭގައި، މެނިފެސްޓޯއިން އަމާޒުކުރި ވަރަށް ވުރެ ވެސް ބޮޑަށް ހާސިލުކޮށްފައިވާ ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުން އަނިލް ވިދާޅުވީ، ތައުލީމީ ދާއިރާއިން ތިން އަހަރު ތެރޭގައި 100 ޕަސަންޓަށް ވުރެ ވެސް މަތިން ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ތިން ވަޒީރުން ވެސް ވިދާޅުވީ، ރާވާފައިވާ ހަރަކާތްތަކާ ގުޅޭ ތަފްސީލުތައް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.