16 Nov 2016, 15:14
ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު މަރުވެއްޖެ ކަމަށް ފިރިހެން މީހާގެ އާއިލާ އިން ބުނެފިއެވެ.
އާދީއްތަ ދުވަހުގެ މެންދުރު ހިނގި އެކްސިޑެންޓުގައި މަރުވެފައި ވަނީ ހދ. ކުޅުދުއްފުށީ ބަބޫގެ، ހަސަން އަލީ،33، އާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ކަމަށް ހަސަން އަލީގެ އާއިލާގެ މީހަކު ވަނީ ސަން އަށް ކިޔައިދީފައެވެ.
ސަންއާ ވާހަކަ ދައްކަމުން ހަސަން އަލީގެ އާއިލާގެ މެމްބަރަކު ބުނީ އޭނާ އާއި ދަރިފުޅު މަރުވި ކަމުގެ މައުލޫމާތު ލިބުނީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ބޭބެ އަނބިމީހާގެ ފަރާތުން ކަމަށެވެ.
"ބޭބެގެ އަންހެނުންގެ ފަރާތުން އެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބުނީ. ވައިބާ އިން ބޭބެގެ އަންހެނުންނާ ވާހަކަ ދެކެވުނީ. އޭގެ ފަހުން އަދި ބޭބެގެ އަންހެނުންނާ ގުޅޭ ގޮތެއް ނުވޭ،" ހަސަން އަލީގެ އާއިލާގެ މެމްބަރަކު ސަން އަށް ކިޔައިދިނެވެ.
އޭނާ ބުނީ ހަސަން އަލީ ދިރިއުޅެނީ ސްރީލަންކާގެ ކޮން ސިޓީއެއްކައިކަން އަދި އެނގިފައިނުވާ ކަމަށެވެ.
ހަސަން އަލީ ސްރީލަންކާގައި ދިރިއުޅޭތާ ދެ އަހަރު ވެއްޖެ ކަމަށާއި އޭނާ އެ ގައުމަށް ދިރިއުޅުން ބަދަލުކުރީ ދޯންޏެއްގެ ވަތަށް ވެއްޓިގެން މައިބަދައަށް ލިބުނު ގެއްލުންތަކަށް ތާއިމީ ފަރުވާ ހޯދުމުގެ ގޮތުން ކަމަށް ވެސް އޭނާގެ އާއިލާ އިން ބުންޏެވެ.
"ރާއްޖެއިން ބޭބެ ބެލި ޑޮކްޓަރުން ވެސް އަދި އިންޑިއާ އިން ބެލި ޑޮކްޓަރުން ވެސް ބުނެފައި ވަނީ މައިބަދަޔަށް ލިބުނު ގެއްލުންތަކަށް ދާއިމީ ފަރުވާ ހޯދަން ޖެހޭ ކަމަށް. އެހެންވެ ސްރީލަންކާ އަށް ދަރިފުޅާއި އަނބިމީހާއާ އެކު ދިރިއުޅުން ބަދަލުކޮށް އެ ގައުމުން ވަޒީފާއެއް ހޯދައިގެން ބޭބެ އެކޮޅުގައި ދިރިއުޅެނީ،" ހަސަން އަލީގެ އާއިލާ މީހަކު ސަން އަށް ކިޔައިދިނެވެ.
އެކަމާ ބެހޭ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެމްބަސީއަށް ލިބުނީ މީޑިއާ ރިޕޯޓުތަކުން ކަމަށާއި އެކަން ހިނގިގޮތް ބަލަމުން އަންނަ ކަމަށެވެ.