16 Nov 2016, 14:04
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(ވީއޭއެމް)ގެ ޖެނަރަލް ސެކެޓްރީގެ މަގާމުން މުހައްމަދު އާދަމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކުރުމަށް ނިންމައިފިއެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު 'ސަން' އަށް ވިދާޅުވީ މުހައްމަދު އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން މިވަގުތު އަދި ވާހަކަ ދައްކަން ބޭނުންފުޅު ނުވާ ކަމަށާއި އިސްތިއުފާގެ ސިޓީ އިއްޔެ ހުށަހެޅުމުން އެކަން ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކޮށް ޝުކުރު އަދާކުރަން ބޭނުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުހައްމަދު، ވީއޭއެމްއަށް ކޮށްދެއްވާފައިވާ ކަންތައްތަކާ މެދު. އަޅުގަނޑުމެން އަބަދުވެސް އެދެނީ އޭނާއަށް ކާމިޔާބީ،" ލަތީފު ވިދާޅުވިއެވެ.
ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ޖެނަރަލްސެކެޓްރީ ކަމާއި އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކެޓްރީގެ މަގާމު ވެސް އަދާކޮށްފައިވާ މުހައްމަދު ވީއެމްގެ ޖީއެސްގެ މަގާމުގައި ހޭދަކޮށްފައި ވަނީ ތިން ހަފްތާއެވެ.
ވީއޭއެމްއަށް ޖީއެސްއެއް ހޯދުމަށް އަންނަ އާދިއްތަ ދުވަހު ގެޒެޓްގައި ޖެހުމަށް ނިންމާފައިވާއިރު ލަތީފު މީގެ ކުރިން ވިދާޅުވެފައިވަނީ ވީއޭއެމް އަކީ ވަކިބައެއްގެ ތަނެއް ނޫން ކަމަށާއި އެ އެސޯސިއޭޝަނާއި އެކު މަސަތްކަތް ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.