ޕެންޝަން ސްކީމުގައި ބައިވެރިވުން މަޖްބޫރު ކުރުން ހުއްޓުވަށް ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަކަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން، އެ ވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 35 މެންބަރުން ބިލު ބަލައި ގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވި އެވެ. އަދި އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވި އެވެ. އެ ބިލު ބަލައި ގަތުމަށް ބޭނުންވަނީ 34 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލާބެހޭގޮތުން ފަހުބަސް ވިދާޅުވަމުން މުއްތަލިބު ވިދާޅުވީ، ދައުލަތުގެ މުވައްޒިފުންނަށް ޕެންޝަން ލިބެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވަނީ އެ މީހުންގެ މުސާރައިން ކަނޑައިގެން ޕެންޝަން ދިނުމަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ މުވައްޒިފުންނަށް ޕެންޝަން ދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުމުގެ ބޭނުމަކީ އެ ގާނޫނު އަސާސީ ފާސް ވުމުގެކުރިން ދެމުންއައި ޕެންޝަން އެގޮތަށް ދެމިއޮތުން. މިހާރު ހަދާފައިވާ ޕެންޝަނާ ބެހޭ ގާނޫނަކީ އެ ޕެންޝަން ހުއްޓާލުމަށް ހަދާފައިވާ ގާނޫނެއް. ޕެންޝަނަށް ފައިސާ ދިނުމަށް މުވައްޒިފުންނަށް މަޖްބޫރެއް ނުކުރެވޭނެ،" މުއްތަލިބު ވިދާޅުވި އެވެ.

އިއްޔެއެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ދޭތެރެ ދޭތެރެއިން ކޯރަމްގެ މައްސަލަ ދިމާވެގެން ދެ ފަހަރެއްގެ މަތިން ޖަލްސާ ފަސްކުރަން ޖެހުނެވެ. އަދި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ބޭފުޅުން، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭވަރަށް ކޯރަމް ހަމަކޮށްދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ގެންދެވި އެވެ.