16 Nov 2016, 13:09
ފަރުމަތިން ހިނގާފައި ގދ. ރަތަފަންދޫއިން އެ އަތޮޅު ނަޑެއްލާއަށް ދެ މީހަކު ދަނިކޮށް އޭގެ ތެރެއިން އެކަކު މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން ނަޑެއްލާ، ނޫރަންވިލާ، މުހައްމަދު ރަޝީދު،31، މަރުވެފައިވާ ކަމުގެ މައުލޫމާތު ރޭ މެންދަމު 3:15 ހާއިރު ރަށު ކައުންސިލަށް ލިބުމާއެކު އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށް ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގދ. ތިނަދޫން ފުލުހުންގެ ޚާއްސަ ޓީމެއް އެރަށް ގޮސް އެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ވެސް މިހާރު އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ ވަގުތެއްގައި ގދ. ރަތަފަންދޫ އިން ހިނގާފައި ނަޑެއްލާ އަށް ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ގެނބިގެން މަރުވި ކަމަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.