ނިއު ދިއްލީ (ނޮވެމްބަރު 16): އިންޑިއާގެ ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ އެންޖީއޯ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) އަކީ ގާނޫނާ ހިލާފު ޖަމްއިއްޔާއެއް ކަމަށް ބުނެ، އިންޑިއާ ސަރުކާރުން އެޖަމްއިއްޔާ ފަސް އަހަރަށް މަނާކޮށްފި އެވެ.

އިންޑިއާގެ މިނިސްޓަރުންގެ ކެބިނެޓުން އެފަދައިން ނިންމީ ހޯމް މިނިސްޓްރީން ކުރިއަށް ގެންދިޔަ ތަހުގީގަކުން އައިއާރުއެފް އާއި ޒާކިރު ނައިކުގެ ޕީސްޓީވީގެ ފަންޑިންއާ ޝައްކު ކުރެވޭ ގުޅުންތަކެއް އޮތުމުން ކަމަށް އޮފިޝަލުން ބުންޏެވެ. އަދި ޕީސްޓީވީ މެދުވެރިކޮށް ޒާކިރު ނައިކު ވަނީ ހަމަނުޖެހުމާއި ޓެރަރިޒަމަށް މަގުފަހިވާ ފަދަ ތަގުރީރުތައް ދެއްވާފައި ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، ޓެރަރިސްޓު ހަމަލާތައް ދޭން ހިތްވަރު ލިބުނީ ޒާކިރު ނައިކްގެ ތަގުރީރުތަކުގެ ސަބަބުން ކަމަށް ބުނާ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ 50 މީހެއްގެ ހެކި ބަހަށް ބިނާކޮށް ޒާކިރު ނައިކުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެތޯ އިންޑިއާގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ނެޝަނަލް އިންވެސްޓިގޭޓިވް އޭޖެންސީ (އެންއައިއޭ)ން ދަނީ ބަލަމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

އިންޑިއާގެ ސަލާމަތީ ފަރާތްތަކުން ޒާކިރު ނައިކް ތަހުގީގު ކުރަން ފެށީ މިއަހަރުގެ ޖުލައި މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކެފޭއަކަށް ވަދެ، 20 މީހަކު މަރާލި ދެމީހުންނަށް އެކަން ކުރުމަށް ހިތްވަރު ލިބުނީ ޒާކިރު ނައިކުގެ ފަރާތުން ކަމަށް ވާހަކަ ދެކެވެން ފެށުމުންނެވެ.

އެރިޕޯޓުތަކާ ގުޅިގެން އިންޑިއާއިން ވަނީ ޕީސްޓީވީ ދެއްކުން މަނާކޮށް، އައިއާރުއެފް ތަހުގީގު ކުރަން ފަށައިފަ އެވެ. އިންޑިއާގެ އިތުރުން އިނގިރޭސިވިލާތާއި، ކެނެޑާ އާއި މެލޭޝިއާ އިން ވެސް ވަނީ އޭނާގެ ތަގުރީރުތައް މަނާކޮށްފަ އެވެ.

އެމައްސަލަތައް ފެންމަތިވި ފަހުން ސައުދީ އަރަބިއާގައި ހުންނެވި ޒާކިރު ނައިކް އިންޑިއާއަށް ވަޑައިގެންފައި ނުވެ އެވެ. (ޓައިމްސްއޮފްއިންޑިއާ)