16 Nov 2016, 13:00
ބޭންކިންގްއާއި މާލީ ދާއިރާގައި ރާއްޖެއާއި ބޭންކް އޮފް މޯލްޑިވްސް ދަތުރުކުރަމުން ދަނީ ރަނގަޅު މިސްރާބަކުން ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.
އެންޑްރޫ މިހެން ވިދާޅުވީ، މިދިޔަ ހަފްތާގައި ވިއެޓްނާމްގައި އޮތް އޭޝިއަން ބޭންކާޒް އެސޯސިއޭޝަން (އޭބީއޭ)ގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެންޑްރޫއަކީ އެ ޖަމިއްޔާގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެކެވެ. އޭނާ އެ ބޯޑަށް އެންމެ ފުރަތަމަ ހޮވުނީ 2014 ވަނަ އަހަރު އެވެ. އަދި މި އަހަރު އެންޑްރޫ ވަނީ ދެވަނަ ދައުރަކަށް އެ ބޯޑަށް ހޮވައިފަ އެވެ.
އޭބީއޭގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެންޑްރޫ ވިދާޅުވީ ފާއިތުވެ ދިޔަ މަސްތަކުގައި ރާއްޖޭގެ މާލީ ދާއިރާގައި ގިނަ ކަންކަން ހިނގާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ާއި، އާ ކުންފުނިތައް ހިއްސާގެ ބާޒާރުގައި ލިސްޓުކުރުން އޭނާ ފާހަގަކުރެއްވި އެވެ. ދާދި ފަހުން ދެ ކުންފުންޏެއް ހިއްސާގެ ބާޒާރުގައި ވަނީ ލިސްޓުކޮށްފަ އެވެ.
އެންޑްރޫ ވިދާޅުވީ ބީއެމްއެލް އިން ދަނީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ވިޔަފާރިތަކަށް ބައިވެރިވެވޭ ގޮތަށް އިގްތިސާދު ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި އިސް ދައުރެއް އަދާކުރަމުން ކަމަށާއި، ބީއެމްއެލްއަކީ އޭޝިއާގެ އެހެން ބޭންކުތަކާ އަޅާ ކިޔާއިރު ރަނގަޅު ބޭންކެއް ކަމަށެވެ.
"ބޭންކުގެ ޚިދުމަތް ފުޅާކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް ބޭންކުންވަނީ ވޭތުވެދިޔަ 2 އަހަރު ކޮންމެ އަހަރަކު 10 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައި. އަދި ކުރިއަށް އޮތްތަނުގައި އިންވެސްޓްމަންޓް މިއަށްވުރެ ވެސް އިތުރު ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެންޑްރޫ ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިއަށް މީހުން ޝައުގުވެރިވާ ތަނެއް ކަމަށާއި، ޓެކްސް އަދި ޝަރުއީ ގޮތުން ވިޔަފާރިއަށް ފަހި މާހައުލެއް ރާއްޖޭގައި އޮތް ކަމަށެވެ.
އަދި ދާދި ފަހުން ރާޢްޖޭގއި ކްރެޑިޓް ރޭޓިންގް ޝާއިއުކުރުން ވެގެން ދިއުމަކީ ވިޔަފާރީގެ އިތުރު މަސައްކަތްތައް ރާއްޖޭގައި ފެށުމަށް އިންވެސްޓަރުންނަށް އިތުބާރު ލިބުނު ކަމެއްގެ ގޮތުގައި އެންޑްރޫ ސިފަކުރެއްވި އެވެ.