16 Nov 2016, 12:39
ރާއްޖޭގެ މަސްވެރިކަމަށް ހީނަރުކަމެއް އަންނަ ބޮޑު ދާޖައިހެން މަސްވެރިކަން ކުރަން ބޭނުންކުރާ "ޑްރިފްޓިން ފެޑްސް" ރާއްޖެ ކަނޑުތަކުން ފެންނަން ފަށައިފި އެވެ.
"ޑްރިފްޓިން ފެޑްސް" އަކީ އިންޑިއާ ކަނޑު ސަރަހައްދުގައި އުޅޭ ދާ އަޅާ ބޮޑެތި ބޯޓްތަކުން މަސް އައިން އުފެއްދުމަށާއި މަސް އުޅޭ ސަރަހައްދު ބެލުމަށް ދޫކޮށްފައި ހުންނަ އޮއެވާލި ކަނދުފައްޗެކެވެ. އެއީ އޮޔާދާ އެއްޗެކެވެ. އެ ކަނދުފަތި އޮންނަތަން ސެޓްލައިޓް މެދުވެރިކޮށް ބެލެ އެވެ.

މެރިންރިސާޗް ސެންޓަރުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ހުޅަނގު މޫސުމުގައި ވައިޖެހޭ ގޮތުން ރާއްޖެއަށް އެފަދަ ކަނދުފަތިތައް ދޭތެރެ ދޭރެއިން ލައްގާ ކަމަށެވެ. މިދުވަސްވަރު ވެސް އަނެއްކާ އެފަދަ ކަނދުފަތިތައް ފެންނަ އިރު އެފަދަ އެއްޗެއް ފެނުމުން އަންގައިދިނުމަށް މެރިންރިސާޗް އިން އިލްތިމާސްކުރެ އެވެ.
އެފަދަ ކަނދުފަތި ރާއްޖެއިން ފެންނަމުން ދިއުމުން އެނގޭ އެއްޗަކީ ރާއްޖެ ކައިރި ސަރަހައްދުގައި ދާޖަހައިގެން މަސްވެރިކަން ކުރާކަމުގެ ހެއްކެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ފިޝަރީޒް އިކޮނޮމިކްސް އިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ސަން އަށް ވިދާޅުވީ އިންޑިއާ ކަނޑުގައި ދާ އެޅުން އިތުރުވާވަރަކަށް އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ މަސްވެރިކަމަށް ކުރާނެ ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިކަމަށްވާނެ ކަމެއް ކަމަށެވެ.
"ރާއްޖެ އަށް ވަންނަން އަންނަ މަސް ނޫނީ ރާއްޖެ ހުރަސްކޮށް ދާ މަސް އެހެން މީހުން ނަގާނަމަ ރާއްޖޭގެ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ، ރާއްޖެއަކުން އެއްވެސް އިރެއްގައި ތާއީދެއް ނުކުރޭ އިންޑިއާ ކަނޑުގައި ބޮޑުދާ ޖަހައިގެން މަސްވެރިކަން ކުރާކަށް،" ހުސެއިން ވިދާޅުވި އެވެ.

ރާއްޖެ ކައިރި ސަރަހައްދުތަކުގައި ބޮޑު ދާ ޖަހައިގެން މަސް ނެގުމަށް ވަރަށް ބޮޑެތި ބޯޓްތައް ހަރަކާތްތެރިވެ އެވެ. އެބޯޓުތަކުން ދާ ޖަހައިގެން މަސް އައިންތައް އެއްކޮށް ކަހަލަ ގޮތަކަށް ނަގަ އެވެ. ގިނަ ބޯޓްތަކަކީ ޔޫރަޕުގެ ބޯޓުތަކެވެ. އެބޯޓްތަކުން މަސް ހޯދަނީ ޝީޝެލްސްގައި ހިންގާ ފެކްޓްރީތަކަށެވެ.