ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ކޯޓު އަމުރެއްގައި އިބާރާތްތައް ހުރި ގޮތުން ގާނޫނީ ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

އެ އަމުރަކީ ގުރައިދޫ ކޯޓުން ފުލުހުންގެ މައްޗަށް މި އަހަރު އޮގަސްޓު މަހު ކޮށްފައިވާ އަމުރެކެވެ. އެއީ މަންމައެއްގެ ތިމާގެ މީހަކު ކުއްޖަކު ގެންގުޅޭތީ އެ ކުއްޖާ ބައްޕައާ ހަވާލު ކުރުމަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކޮށްދިނުމަށް ކޮށްފައިވާ އަމުރެކެވެ.

އަމުރުގައި ބުނެފައި ވަނީ "ކުއްޖާގެ މަންމަ އުޅެނީ މާލޭގައި ފަތް ބޯށާއި ހަށިވިއްކަން ކަމަށް ހަބަރު ލިބޭ" ކަމަށެވެ. އެހެންކަމުން ކުއްޖާގެ މަންމަ "ހޯދިޔަސް ނުހޯދިޔަސް" އޭނާގެ ދައްތަ އަތުން "ދަރިފުޅު އަތުލައިގެން" ކުއްޖާގެ ބައްޕައާ ހަވާލު ކުރުމަށް އަމުރުގައި ވަނީ ބުނެފަ އެވެ.

އަމުރުގައި މިބުނާ އަންހެން މީހާގެ ފޯނު ނަމްބަރު ވެސް ވަނީ ހިމަނައިފަ އެވެ. އަދި ބުނެފައި ވަނީ ގުޅީމަ ފޯނު ނުނަގާ ކަމަށެވެ.

އަމުރުގައި ބުނެފައިވާ ގަޒިއްޔާ އަކީ ގުރައިދޫ ކޯޓުން ބަލާފައިވާ މައްސަލައެއްގެ ގަޒިއްޔާއެއް ކަން އެކޯޓުން ޔަގީންކޮށްދެ އެވެ. ގަޒިއްޔާގެ ދަށުން އެފަދަ އަމުރެއް ނެރުނުތޯ ސުވާލު ކުރުމުން ގުރައިދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ " އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ނުދިނުމަށް މެޖިސްޓްރޭޓް އަންގަވާފައިވާ" ކަމަށެވެ.

"އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ނުދިނުމަށް މެޖިސްޓްރޭޓް އަޅުގަނޑުމެންނަށް އަންގަވާފައި ވަނީ" ތަކުރާރުކޮށް ސުވާލު ކުރުމުން ގުރައިދޫ ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެ އަމުރަކީ ގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ. އަދި އެ އަމުރު ފުލުހުން ތަންފީޒުކޮށްފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ.

ގާނޫނީ ވަކީލަކު ނަންހާމަ ނުކުރުމަށް އެދި 'ސަން' އަށް ވިދާޅުވީ އެފަދަ އިބާރާތަކުން ކޯޓު އަމުރެއް ވެސް އަދި ހުކުމެއް ވެސް ނުލިޔެވޭނެ ކަަމަށެވެ. " ކުއްޖާގެ މަންމަ އުޅެނީ މާލޭގައި ފަތް ބޯށާއި ހަށިވިއްކަން ކަމަށް ހަބަރުލިބޭ ކަމަށް" ލިޔެފައިވާ އިބާރާތުން ވެސް އެއީ ފުރަތަމަ ނަޒަރުން ބަޔަސްގެ ސިފައެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

"ކޯޓު އަމުރެއްގައި ވެސް އަދި ހުކުމެއްގައި ވެސް އެފަދަ އިބާރާތަކުން ނުލިޔެވޭނެ. އެއީ ގާޒީގެ ނުވަތަ އެ މައްސަލަ ބަލާ ފަނޑިޔާރެއްގެ ނަފުރަތު ހާމަވާ ފަދަ އިބާރާތަކުން ނުލިޔެވޭނެ. އެއީ ފުރަތަމަ ނަޒަރުން ބަޔަސްގެ ސިފައެއް"ވަކީލު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ހަތްވަނަ މާއްދާ

  • ފަނޑިޔާރުން މަގާމުގެ އިތުބާރު ދެމެހެއްޓުން

    - ފަނޑިޔާރަކު ހުރިހާވަގުތެއްގައިވެސް އޭނާގެ މުސްތަގިއްލު ކަމާއި އަދުލުވެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމުގެ އިތުބާރު ހިފަހައްޓަން ވާނެ އެވެ.

އަންހެންމީހާ އުޅޭނީ ހަށިވިއްކާށާއި ފަތްބޯން ކަމަށް "ހަބަރުލިބޭ" ކަމަށް އެއްވެސް ހެއްކަކާ ނުލައި ކޯޓު އަމުރެއްގައި ނުވަތަ ހުކުމެއްގައި ވެސް ނުލިޔެވޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. ވަގުތީ އަމުރަށް އެދޭ ފަރާތުން އެފަދަ މައުލޫމާތެއް ދީފައިވާ ނަމަ ދީފައިވާކަން ކޯޓު އަމުރުގައި ހިމެނި ނަމަވެސް، ހަބަރު ލިބޭ ކަަމަށް ބުނެ ނުލިޔެވޭނެ ކަމަށް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވީ އެ އަމުރަކީ ވަރަށް ދަަށް ފެންވަރުގެ އަމުރެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގައި އެފަދަ އިބާރާތަކުން ލިޔުމަކީ ފަނޑިޔާރަކު ކުރަން ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ.

މީގެ ކުރިން މާފުށީ ކޯޓުން ނެރިފައިވާ ފެކްސް މެސެޖެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވެ އެވެ. އެ މެސެޖް ބާތިލުކޮށްފައި ވަނީ މެސެޖުގައި ބޭނުންކޮށްފައިވާ އިބާރާތަކީ، ކޯޓުން ނިންމާ އެފަދަ ނިންމުމެއް ނުވަތަ އަންގާ އެންގުމެއްގައި ހުރެގެން ވާނެ އިބާރާތަކަށް ނުވާތީ ކަމަށް ބުނެ އެވެ.