16 Nov 2016, 12:31
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމިއްލައަށް ކަރުގައި ހިފުން ފަދަ ކަމެއް ކަމަށް، ޕީޕީއެމްއަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ހުށަހެޅުއްވި ދެ ބިލެއްގެ ބަހުސް މަރުހަލާ ކުރިޔަށް ގެންގޮސްފަ އެވެ. ފުރަތަމަ ބިލަކީ، ޖިނާޢީ އިޖުރާއަތާ ބެހޭ ގާނޫނަށް އަމަލުކުރުން ފަސްކުރުމާ ބެހޭ އިސްލާހެވެ. އެ އިސްލާހަށް ތިން ގަޑިއިރު ބަހުސްކުރުމަށް ކަނޑައެޅި އިރު، ބަހުސް ކުރުމަށް މެމްބަރުން އެދުމަށް މަޖިލީހުގެ ރައީސް ދެއްވީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ ވަގުތުގެ ތެރޭގައި އެއްވެސް މެމްބަރަކަށް ފުރުސަތަށް އެދެވޭ ގޮތެއް ނުވި އެވެ.
އެހެން ނަމަވެސް، ދެވަނަ އިސްލާހު ކަމުގައިވާ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ބަހުސް ކުރުމަށް ދިން ފުރުސަތުގައި، ގިނަ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަނީ ފުރުސަތަށް އެދި، ދެ އިސްލާހާ ގުޅޭ ގޮތުން ވެސް ބަހުސް ކޮށްފަ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތްތަކާ ބެހޭ ގާނޫނުގެ އިސްލާހާ ގުޅޭ ގޮތުން، ޚިޔާލު ތަފާތުވެފައިވާ ޕީޕީއެމްގައި މައުމޫން ފެކްޝަނުގެ ނައިބު ރައީސްކަން ކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ޖިނާއީ އިޖުރާއަތަކުގެ ގާނޫނަށް އިތުރު މުއްދަތެއް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޖިނާޢީ އިޖުރާއަތުގެ ބިލު މަޖިލީހުން ފާސްކުރީ މިއަހަރުގެ އޭޕްރިލް މަހުގަ އެވެ. އަދި މޭ މަހު ގާނޫނު ތަސްދީގުކުރި އިރު، އެ ގާނޫނަށް އަމަލުކުރުމަށް އޮތީ ގާނޫނު ތަސްދީގުކުރާތާ އަށް މަސް ދުވަސް ފަހުންނެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެވެ.
ވަހީދު ވިދާޅުވީ، ޖިނާއީ އިޖުރާއަތްތަކުގެ ގާޏޫނު އޮތްގޮތަށް ބާއްވާފައި، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދަތި ކުރުމަށް ކަމަށެވެ.
"ގާނޫނު އޮތް ތަނުގައި ބާޢްވާފައި، އެޔަށް އަމަލުކުރުމުގެ އެއްވެސް ބޭނުމެއް ނެތް ގޮތުގައި، ގާނޫނުތަކަށް ހުރުމަތެއް ނެތް ގޮތުގައި މަސައްކަތް ބައްޓަންކޮށް، ހިތުހުރި ގޮތަކަށް ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމަށް ހުށަހެޅި އިސްލާހެއް މިއީ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ އިތުރު ހަ މަސް ދުވަހަށް ގާނޫނަށް އަމަލުކުރުން ފަސް ކުރަން ހުށަހަޅާފައި އޮތް ނަމަވެސް، ކޯޓުތަކާއި ފުލުހުންނާއި ޖިނާއީ ތަހުގީގުތައް ކުރާ ފަރާތްތަކުން ތިބީ ގާނޫނަށް އަމަލުކުރަން ނުފެށިގެން ފެންމަތިވެފައި ކަމަށެވެ.
"މި ފާސްވެގެން ދިޔައިމަ، އަނެއްކާ ވެސް މަސައްކަތް ކުރަމުން މި ދަނީ މިކަން ހުއްޓުވުމަށް. މިއީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ކަރުގައި ހިފުން. މިކަހަލަ ޒާތުގެ ކަންކަން ކުރަން އިސްލާހެކޭ ބުނެ ހުށަހަޅާއިގެން ނުވާނެ،" ވައްޑެ ވިދާޅުވި އެވެ.

އިމްތިޔާޒް ފަހުމީ -- ފޮޓޯ/ މަޖިލިސް
ބަހުސްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިންވެސް އަށް މަސް ލިބި، އަނެއްކާ ހަ މަސް ދުވަހަށް ފަސް ކުރުމަށް އެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"ރާޢްޖޭގައި ކްރިމިނަލް ޖަސްޓީސް ސިސްޓަމުގެ ހާލަތު މި ފެންނަނީ. ކަންކަމަށް ވަރަށް ނުފަރިތަ،" އިންތި ވިދާޅުވި އެވެ.
ބަހުސްގައި ވާހަކަދައްކަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ބިލަށް އަމަލުކުރުމަށް އެތައް ދުވަހެއް ލިބިގެން ދިޔަ އިރުވެސް އެކަމަށް ތައްޔާރު ނުވުމަކީ މައްސަލައެއް ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހެއް ގެނައުން މުހިންމު ނޫން ކަމަށާއި، މިހާރު ވެވިފައި ހުރި ތައްޔާރީއަކާ އެކު ގާނޫނަށް އަމަލުކުރަން ފެށުމުން ކަންކަން ދާނީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބިލާ ބެހޭ ގޮތުން ބިލް ހުށަހެޅުން ފިޔަވައި ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ވާހަކައެއް ނުދައްކަވަ އެވެ.