14 Jun 2011, 15:28
ދިވެހި ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓަކަށް 10 ދުވަސް ވަންޑެން ވަކާލާތު ކުރެއްވުމަށް ވަޑައިނުގެންނެވޭ ގޮތަށް ސުޕްރީމް ކޯޓުން މަޝްހޫރު ވަކީލު އަދި ރިޔާސީ ކޮމިޝަނުގެ މެންބަރު އަބްދުﷲ ހަސީން އިއްޔެ ސަސްޕެންޑުކޮށްފި އެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވެސް ސަސްޕެންޑުކޮށްފައިވާ ހަސީން ސުޕްރީމް ކޯޓުން ސަސްޕެންޑްކޮށްފައި ވަނީ ސީދާ ކޮން ސަބަބެއް މެދުވެރިވެގެން ކަމެއް ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ސުޕްރީމް ކޯޓުން ހަސީން ސަސްޕެންޑް ކުރުމުން ކްރިމިނަލް ކޯޓުން މިއަދު ވަނީ އާންމު އިއުލާނެއް ވެސް ނެރެފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އިއްޔެ އިން ފެށިގެން 10 ދުވަހަށް ސުޕްރީމް ކޯޓުން ހަސީން ސަސްޕެންޑްކޮށްފައިވާތީ އެ ކޯޓުން އެ މުއްދަތަކަށް ހަސީން ވަކީލެއްގެ ގޮތުގައި ބަލައިނުގަންނާނެ ކަމަށެވެ.
އެ މައްސަލައިގައި ހަސީން މިއަދު ވިދާޅުވީ ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ވަޑައިނުގެންނެވޭ ވާހަކަ އެ ކޯޓަށް އެންގުން ލަސްވުން ކަމަށެވެ.
"އެ ދުވަހު އަޅުގަނޑުގެ މުވައްކިލަކަށް ވެސް ވަޑައެއްނުގެންނެވޭ. ދެން އަޅުގަނޑު ވެސް ބޭރުގައި އުޅުނީމަ ނުއެއް ދެވުނު. ތަންކޮޅެއް ލަހުން ކޯޓަށް އެންގުނީ ނުދެވޭނެކަން،" ހަސީން ވިދާޅުވި އެވެ.