ވޮޝިންޓަން (ނޮވެމްބަރު 16): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ރައީސް ބަރަކް އޮބާމާ ދާދި ފަހުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓުރަމްޕްގެ ދަރިކަނލުން އިވަންކާ ޓްރަމްޕްގެ ފިރިމީހާ، ޖެރަޑް ކުޝްނާ ވަނީ ފެނިގެންގޮސްފަ އެވެ. އެއާ އެކު ޓުރަމްޕްގެ ވެރިކަމެއްގައި ކުޝްނާގެ އަދާ ކުރާނެ ދައުރާ ބެހޭ ގޮތުން ވަނީ ސުވާލުތައް އުފެދިފަ އެވެ.

ވައިޓް ހައުސް ކާމިޔާބު ކުރުމަށް ޓްރަމްޕް ކުރިއަށް ގެންދެވި ކެމްޕެއިންގައި އޭނާގެ ބިލިއަނަރު ދަނބިދަރިއަށް ރަސްމީ މަގާމެއް ދީފައި ނުވެ އެވެ. ނަމަވެސް ކެމްޕެއިން ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކުޝްނާ އަކީ ޓުރަމްޕް އެންމެ އިތުބާރު ކުރައްވާ، އޭނާގެ އެންމެ އަރިސް އެއް އެޑްވައިޒަރެވެ. އެގޮތުން ކުޝްނާ ވަނީ ޓުރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރު ކޯރީ ލެވަންޑޮސްކީ މަގާމުން ވަކި ކުރުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައި ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކުޝްނާ ވައިޓް ހައުސްގައި މިހާރުގެ ޗީފް އޮފް ސްޓާފް ޑެނިސް މެކްޑޯނޯއާ އެކު --

އެހެންކަމުން ޓުރަމްޕްގެ ސަރުކާރުގައި ވެސް ކުޝްނާ އަދާ ކުރާނީ އެފަދަ ދައުރެއް ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެ އެވެ. ޓުރަމްޕްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަން ކޮށްފައިވާ ރައިންސް ޕްރީބަސް ވަނީ ޓުރަމްޕްގެ "ނިންމުންތަކުގައި ކުޝްނާ އިސް ދައުރެއް" އަދާ ކުރާނެ ކަން ޔަގީންވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޓުރަމްޕްގެ ރަނިން މޭޓަކަށް ގަވަރުނަރު ކްރިސް ކްރިސްޓީގެ ބަދަލުގައި މައިކް ޕެންސް އައްޔަން ކުރުމަށާއި ޓުރަމްޕްގެ ޓްރާންޒިޝަން ޓީމުގެ ލީޑަރު ކަމުން ވައިސް ޗެއާ އަކަށް ކްރިސް ކްރިސްޓީ ޑީމޯޓު ކުރުމުގެ ފަހަތުގައި ވަނީ ކުޝްނާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ކްރިސް ކްރިސްޓީ އާއި ކުޝްނާއާ ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމަކީ ނިއުޖާޒީގެ އެޓާނީ ޖެނެރަލްގެ މަގާމުގައި ކްރިސްޓީ ހުންނެވި އިރު ކުޝްނާގެ ބައްޕަ ޗާލްސް ކުޝްނާ ޕްރޮސިކިއުޓް ކުރުމާ ގުޅިގެން އުފެދުނު ދެކޮޅުވެރިކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ކުޝްނާގެ ބައްޕަގެ މައްޗަށް 2005 ވަނަ އަހަރު ކުރި ޓެކްސް ނުދެއްކުމާއި، ހެކިންނަށް ބިރު ދެއްކުމާއި، ގާނޫނާ ހިލާފަށް ކެމްޕެއިންތަކަށް ފަންޑު ކުރުމުގެ ދައުވާ ސާބިތުވެ އޭނާ ވަނީ އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށްފަ އެވެ.

އެމެރިކާގެ ރައީސްގެ އާއިލާގެ މެމްބަރަކު ސަރުކާރުގެ ވަޒީފާއަކަށް އައްޔަން ކުރުން އެގައުމުގެ ގާނޫނު އަސާސީން މަނާ ކުރި ނަމަވެސް ކުޝްނާއަށް ރަސްމީ މަގާމެއް ނުދޭ ނަމަ ނުވަތަ މަގާމުގެ މުސާރަ ނުނަގާނަމަ އޭނާ އަށް ޓުރަމްޕްގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް އެމެރިކާގެ ސަރުކާރުގައި ޓުރަމްޕްގެ ދަރިންގެ އިތުރުން ދަނބިދަރީގެ ނުފޫޒު ވަރުގަދަ ވުމަކީ ވެސް އެކަށިގެންވާ ކަމެކެވެ.