16 Nov 2016, 13:16
ކޮލަމްބޯ އިން: މުހައްމަދު ސިމާއު
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި މިރޭ މިއީ ވަރަށް ވެސް ހާއްސަ ރެއެކެވެ. ނަތީޖާ ހާމަކުރާ ގާލާ އިވެންޓް އޮންނަ ރެ އެވެ. ދެކުނު އޭޝިއާގައި ބާއްވާ އެންމެ ޝަރަފްވެރި އެވޯޑު ހޯދުމަށް ދުނިޔޭގެ މަޝްހޫރު އެތައް ހޮޓެލް ޗެއިނަކުން ކުރަމުންދިޔަ އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެ އެވެ.
ދުނިޔޭގެ އެތައް މަޝްހޫރު ހޮޓެލް ޗެއިންތަކުން ބައިވެރިވެފައިވާ މި އަހަރުގެ އެވޯޑަށް 270 ފަރާތަކުން ނޮމިނޭޓްވެފައިވެ އެވެ.
އޭގެ ތެރޭގައި ހައިޑަރޭ އާއި ޖުމެއިރާ، ޕާކް ހަޔަޓް، ކޮކޯ ކަލެކްޝަން، ވިލާ ގްރޫޕް، ސަން ސިޔާމް، އަދާރަން، ކޮންސްޓެންޓް، އެޓިކަން ސެޕްންސް އާއި ލީލާ ގްރޫޕުގެ އިތުރުން ކިންގްބެރީ، ތާޖް ސަމުންދްރާ، ކާސާ ކަލެކްޝަންފަދަ އެތައް ބްރޭންޑެއް ހިމެނެ އެވެ.
ނަމަވެސް ސްރީލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލްގެ ބޯލް ރޫމްގައި ބާއްވާ މިރޭގެ އެވޯޑް ހަފްލާގައި 10 ސެގްމަންޓަކުން އެވޯޑް ދޭނީ 39 ކެޓަގަރީ އަކުންނެވެ. އެހެންކަމުން މިއީ ވާދަވެރިކަން ވެސް ބޮޑުވާނެ ރެއެކެވެ.
މި އަހަރުގެ އެވޯޑުގައި އެވޯޑްތަކަށް ވާދަކުރާނީ ހަމައެކަނި އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ އިތުރުން ރާއްޖެ އެވެ. އެވޯޑުގެ ނޮމިނީސްގެ ތެރެއިން އެންމެ ގިނަ ކެޓަގަރީތަކަށް ނޮމިނޭޓްވެފައި ވަނީ ވެސް ރާއްޖޭންނެވެ.
އެގޮތުން ސަޓާ އެވޯޑުގެ ވިޒިޓާސް ޗޮއިސްގެ ނުވަ ކެޓަގަރީން އަށް ކެޓަގަރީ އަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ އިރު، ސެލްފް ނޮމިނޭޓެޑް ކެޓަގަރީގައި ހިމެނޭ 30 ކެޓަގަރީ އަކުން ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓްވެފަ އެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެއްކަން ޔަގީނެވެ.
މިރޭގެ އެވޯޑް ހަފްލާ ވެގެންދާނީ ހަމައެކަނި އެވޯޑްދީ ވާހަކަ ދެއްކުމުގެ ހަފްލާއަކަށް އެކަންޏެއް ވެސް ނޫނެވެ. މިއީ ދިވެހި ސަގާފީ ހަރަކާތްތަކާ ދިވެހިންގެ ހުނަރު ވެސް ފެނިގެންދާނެ ރެއެކެވެ.
އެގޮތުން މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު އެއް ބޮޑުބެރު ގްރޫޕް، "ހަބޭސް"ގެ ފޯރިގަދަ ބޮޑުބެރުގެ ހަރަކާތްތަކާ ދިވެހި ސަގާފީ ހަރަކާތްތައް ފެނިގެންދާ އިރު، ރާއްޖޭގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން ވެސް ހަފްލާގައި ސަގާފީ ހަރަކާތްތަކެއް ދައްކާލާނެ އެވެ.
އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންތަކެއް އުފައްދައިގެން އުޅޭ ބޭންޑެއްގެ ހުނަރުވެރިކަމުގެ އިތުރުން ބައިނަލްއަގްވާމީ ބޭންޑެއްގެ ވެސް ތަފާތު ރާގުތައް މިރޭގެ ހަފްލާއިން އިވިގެންދާނެ އެވެ. ނަމަވެސް އެ އަޑުތަކުގެ ފުރިހަމަކަން އިނގޭނީ މިރޭގެ ހަފްލާގަ އެވެ.