ރާއްޖޭގެ ފިރިހެން އަދި އަންހެން ކެރަމް ޓީމުން ވެސް ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފި އެވެ.

ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ބޮޑު ކާމިޔާބެއް ހޯދި އިރު، މިއީ 21 އަހަރަށް ފަހު ރާއްޖޭގެ ފިރިހެން ޓީމުން ތިން ވަނަ ހޯދި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން ރާއްޖޭގެ ފިރިހެން ޓީމު ތިން ވަނަ ހޯދާފައި ވަނީ 1995 ވަނަ އަހަރު އެވެ.

ރާއްޖޭގެ އަންހެން ޓީމު ވަނީ 2012 ވަނަ އަހަރު ސްރީ ލަންކާގެ ކޮލަމްބޯގައި ބޭއްވި ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ވެސް ތިން ވަނަ މަގާމު ހޯދައިފަ އެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ތިން ވަނަ ހޯދި އިރު، ފިރިހެން ބައިގެ އެއް ވަނަ ހޯދާފައި ވަނީ ސްރީ ލަންކާ އެވެ. އިންޑިއާ އިން ދެ ވަނަ ހޯދި އިރު، ހަތަރު ވަނަ ހޯދާފައި ވަނީ އިނގިރޭސިންނެވެ. އަންހެން ބައިގެ އެއް ވަނަ އިންޑިއާ އިން ހޯދި އިރު، ދެ ވަނަ ހޯދާފައި ވަނީ ސްރީ ލަންކާ އެވެ. ރާއްޖޭގެ ފަހަތުން އަންހެން ބައިގެ ހަތަރު ވަނަ ހޯދާފައި ވަނީ ޖަރުމަނެވެ.

ކެރަމް ޗެމްޕިއަންޝިޕްގައި ފިރިހެން ބައިގައި ވެސް ކުރިން އިންޑިއާ އިން ރަސްކަން ކުރަމުންދިޔަ ނަމަވެސް، ސްރީ ލަންކާ ވަނީ މިފަހަރު އިންޑިއާގެ މައްޗަށް ކުރި ހޯދައި، ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގެ ތާރީހުގައި ލަންކާ އިން އިންޑިއާ ފަހަތަށް ޖައްސާލި ދެ ވަނަ ފަހަރެވެ. ކުރިން ވެސް ލަންކާ އިން އިންޑިއާގެ މައްޗަށް ކުރި ހޯދާފައިވަނީ ޔޫރަޕްގައި ބޭއްވި ކެރަމް ޗެމްޕިއަންޝިޕެއްގަ އެވެ. އެއީ 2008 ވަނަ އަހަރު ފްރާންސްގައި ބޭއްވި ކެރަމް ޗެމްޕިއަންޝިޕްގަ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކޮށްފައި ވަނީ އަންހެން ހަތަރު ކުޅުންތެރިންނާއި، ފިރިހެން ހަތަރު ކުޅުންތެރިންނެވެ. އެ މުބާރާތުގައި ރާއްޖޭން ވާދަކުރި ފިރިހެން ކުޅުންތެރިންނަކީ އަލީ އާޒިމާއި، ހުސައިން އަލީ އާއި، މުހައްމަދު މުންތަސިރު އަދި އަހްމަދު ހާމިދެވެ. އަންހެން ކުޅުންތެރިންނަކީ އައިޝަތު ފައިނާޒާއި، އައިމިނަތު ވިޝާމާ އާއި އައިމިނަތު ވިދާދު އަދި އައިމިނަތު ސުބާ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 11ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ބާމިންގްހަމްގައި ކުރިއަށްދިޔަ ވޯލްޑް ކެރަމް ޗެމްޕިއަންޝިޕްގައި 17 ގައުމަކުން 126 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.