އަންނަ ހަފްތާގައި އިންޑިއާގެ ނިއުދިއްލީގައި ފަށާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަދަލުގައި ނައިބް ރައީސް އަބްދުﷲ ޖިހާދު ވަޑައިގަތުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުގެ ފަރާތުން އިސްވެރިއެއްގެ ގޮތުގައި އިންވެސްޓްމެންޓް ފޯރަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޔަގީނުންވެސް ވަޑައިނުގަންނަވާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ޖަވާބު ނުދެއްވައި، ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކާ ބެހޭގޮތުން އިސްވެ މައުލޫމާތު ހާމަ ކުރާނީ ރައީސް އޮފީހުން ކަމަށެވެ.

އިންވެސްޓްމެންޓް ފޯރަމް ފެށުމަށް ހަފްތާއަކަށް ވުރެ މަދު ދުވަހަށް ވެފައިވާ އިރު، އިކޮނޮމިކް މިނިސްޓްރީގެ އެޑްވާންސް ޓީމެއް ނިއުދިއްލީގައި މިހާރު ދަނީ ހަރަކާތްތެރި ވެސް ވަމުންނެވެ. އިންވެސްޓްމެންޓް ފޯރަމް އޮންނާނީ ނިއުދިއްލީގެ ޓާޖް ޕެލެސް

މިއަހަރު ނިއު ދިއްލީގައި ކުރިޔަށް ދަނީ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ތިންވަނަ ފޯރަމެވެ. އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް އޮތީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގައެވެ. އެ ފޯރަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގެންނެވިއެވެ.

އެހެން ނަމަވެސް 2015 ވަނަ އަހަރު ޗައިނާގެ ބެއިޖިންގްގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ދެވަނަ އެޑިޝަނުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަންނަވައެވެ. އެ ފޯރަމްގައި ދިވެހި ސަރުކާރުން އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރެވެ.

އަންނަ ހޯމަ އަދި އަންގާރަ ދުވަހު ނިއުދިއްލީގައި އޮންނަ އިންވެސްޓްމެންޓް ފޯރަމަށް 14 ކުންފުންޏަކުން ވަނީ ތިން ގިންތިއެއްގެ ސްޕޮންސަޝިޕް ހަދާފައެވެ.

އެގޮތުން، އެންމެ މަތީ ގިންތީގެ ސްޕޮންސަޝިޕް، ޕްލެޓިނަމް ސްޕޮންސަޝިޕް އެގްރިމެންޓް ނުވަ ކުންފުންޏަކުން ހަދާފައިވެއެވެ. އެ ނުވަ ކުންފުންޏަކީ އެސްޓީއޯ، އެޗްޑީސީ، އުރީދޫ މޯލްޑިވްސް، ދިރާގު، ބީއެމްއެލް، އެމްއޭސީއެލް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކޮމްޕެނީ އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްއެވެ.

ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ އެލައިޑް އިންޝުއަރެންސް، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީއެވެ.