16 Nov 2016, 11:31
ތ. ގުރައިދޫގެ 50 އަށް ވުރެ ގިނަ ޒުވާނުން ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިއްޖެ އެވެ.
މިއަދު ޕީޕީއެމްގެ އޮފީހެއްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޒުވާނުންތައް ސޮއިކޮށްފައިވާ ފޯމްތައް ޕީޕީއެމްއަށް ވަނީ ހަވާލުކޮށްފަ އެވެ. އެ ފޯމްތައް ހަމާލުކޮށްދެއްވީ ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެންމަނިކު ދޮންމަނިކު އެވެ. ފޯމްތަކާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ އެއް ނާއިބު ރައީސް މޫސާ ޒަމީރު އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ޕާޓީއަށް ގިނަ އަދަދެއްގެ ޒުވާނުން ގުޅެމުން އަންނަ ކަމަށާއި މިއަދު ލިބުނު 56 ފޯމަކީ ރައީސް ޔާމީންގެ ސަރުކާރަށް ޒުވާނުން ރުހޭކަމުގެ ހެއްކެއް ކަމަށެވެ.
މެންބަރު ވިދާޅުވީ ކުރިއަށް އޮތްތާގައި ގުރައިދޫގައި ތިބި ހުރިހާ ޒުވާނުން ވެސް ޕީޕީއެމްއަށް ގުޅޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ގިނަ ފޯމްތަކެއް ފުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނޮވެމްބަރު މަސް ނިމެންވާ އިރަށް ސޮއިކޮށްފައިވާ އިތުރު 50 ވަރަކަށް ފޯމް ލިބޭނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެންބަރު ހުސެންމަނިކު ދޮންމަނިކު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް ތާއީދުކޮށް ކުރިއަށް އޮތްތާގައި ވެސް ގުރައިދޫ އިން ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް އަށް ގުޅޭނެ ކަމަށެވެ.
"މިހާރު ވެސް ގުރައިދޫގެ މުޅި މެޖޯރިޓީ އޮތީ ޕީޕީއެމްގައި. އެހެންވީމާ ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ މަގްސަދަކީ މުޅި ގުރައިދޫ އެއްކޮށް ޕީޕީއެމް ކުލަ، އެންމެން ޕީޕީއެމް އެގޮތަށް ގުރައިދޫ އޮތުން،" މެންބަރު ހުސެންމަނިކު ދޮންމަނިކު ވިދާޅުވި އެވެ.
މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ވެސް ގުރައިދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެއީ ދެކުނުގައި ބޭއްވޭ އެންމެ ބޮޑު ޖަލްސާއަށް ވާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ. ނަމަވެސް ޖަލްސާ ބާއްވާނެ ވަކި ތާރީހެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.