ވޮޝިންޓަން (ނޮވެމްބަރު 16): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާއާ ނަސްލީ ގޮތުން ދިމާ ކުރި ވެސްޓް ވާޖީނިއާގެ އިސް އޮފިޝަލަކާއި މޭޔަރާ ދެކޮޅަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރުމުން ދެމީހުން މަގާމުން އިސްތިއުފާ ދީފި އެވެ.

ވެސްޓް ވާޖީނިއާގެ ޓައުންއެއް ކަމަށްވާ ކްލޭގެ ނަން ޕްރޮފިޓް ޖަމާއަތެއްގެ ޑިރެކްޓަރެއް ކަމަށްވާ ޕެމެލާ ރަމްސޭގެ ފޭސްބުކް ޕޯސްޓެއްގައި އޭނާ ވަނީ މިޝޭލް އަށް "ރާމާމަކުނެއް"ގެ ގޮތުގައި އިޝާރާތް ކޮށްފަ އެވެ.

"ވައިޓް ހައުސް އަށް އަނެއްކާ ވެސް ރީތި، ގަދަރުވެރި ފަސްޓް ލޭޑީއެއް އައުމަކީ ވަރަށް ހިތްގައިމު ކަމެއް. އުސް ފައިވާނަކަށް އަރައިގެން ހުންނަ ރާމާމަކުނެއް ދެކިދެކި ވަރުބަލިވެއްޖެ،" ޕެމެލާ ބުނެފައިވެ އެވެ.

އަދި އެ ޕޯސްޓަށް ކުރި ކޮމެންޓެއްގައި ކްލޭގެ މޭޔަރު ބެވާލީ ވޭލިން ވަނީ ރަމްސޭގެ ބަހަށް ހިތްވަރުދޭ މޭރުމުން ވާހަކަ ދައްކައިފަ އެވެ.

ކްލޭގެ އާބާދީ އަކީ އެންމެ 491 މީހުން ނަމަވެސް އެފޭސްބުކް ޕޯސްޓަށް އެތައް ހާސް ބަޔެއްގެ ސަމާލުކަން ލިބުނެވެ. އަދި ޓޭލާ އާއި ވޭލިން މަގާމުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނަކަށް 85،000 އަށް ވުރެ ގިނަ މީހުންގެ ސޮއި ލިބުނެވެ.

އޭގެ ފަހުން ވޭލިން ވަނީ އޭނާގެ ކޮމެންޓަށް މާފަށް އެދި، މޭޔަރު ކަމުން އިސްތިއުފާ ދީފަ އެވެ. އަދި އޮފިޝަލުން ބުނި ގޮތުގައި ރަމްސޭ ވަނީ މަގާމުން ދުރުކޮށްފަ އެވެ.

ރަމްސޭ ބުނި ގޮތުގައި އޭނާގެ ފޭސްބުކް ޕޯސްޓަކީ "ހަމުގެ ކުލައާ ބެހޭ ގޮތުން ދެއްކި ވާހަކަ އެއް ނޫނެވެ. ނަަމަވެސް އެއީ ރީތި ކަމާ ބެހޭ ގޮތުން އޭނާ އަމިއްލައަށް ދެކޭ ގޮތުގެ ވާހަކަ އެވެ." އަދި އެ މައްސަލައާ ގުޅިގެން އޭނާ ދަނީ ބައެއް މީހުންނާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ވިސްނަމުން ކަމަށް ވެސް ރަމްސޭ ބުންޏެވެ. (ބީބީސީ)