14 Jun 2011, 14:28
ޓޫރިސްޓުން އެކޮމޮޑޭޓް ކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޕްރޮގްރާމެއް އަންނަ އާދީއްތަ ދުވަހު ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ޓޫރިސްޓުން އެކޮމޮޑޭޓް ކުރާ އުޅަނދުފަހަރު ނުވަތަ ސަފާރީތައް ޗެކުކުރާ ކަމަށާއި މިއަހަރު އެ އުޅަނދުފަހަރު ޗެކް ކުރުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 19 އިން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އެ އިންސްޕެކްޝަންގައި ޓޫރިސްޓް އުޅަނދު ހިންގުމާ ބެހޭ ގަވައިދާ އެއްގޮތަށް ސަފާރީތައް ހިންގަމުންދޭތޯ ބަލާނެ ކަމަށާއި މިނިސްޓްރީއަށް ފާހަގަކުރެވޭ މައްސަލަތައް ގަވައިދާ އެއްގޮތަށް ވަކި މުއްދަތެއްގެ ތެރޭ އިސްލާހުކުރުމަށް އަންގާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭ ރަނގަޅުނުކޮށްފިނަމަ، އެ އުޅަނދަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އިންސްޕެކްޝަން ކުރުމަށް ސަފާރީތައް މާލެ ނުވަތަ ހުޅުމާލެ ސަރަހައްދަށް ގެނެވޭނެ ވަގުތެއް އަންގައިދިނުމަށް ވެސް މިނިސްޓްރީން ވަނީ ސަފާރީ އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފަ އެވެ.
މިހާތަނަށް މިނިސްޓްރީގެ ދަފުތަރުގައި 155 ސަފާރީ ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.