ބަޣްދާދު (ނޮވެމްބަރު 16) : އިރާގުގެ މޫސަލްގެ ތިންބައިކުޅަ އެއްބައި މިނިވަން ކުރެވިއްޖެ ކަމަށް އިރާގު ސަރުކާރުން ބުނެފި އެވެ.

އިރާގުގެ ދާޚިލީ ވުޒަރާގެ ތަރްޖަމާން ބްރިގޭޑިޔާ ސައުދު މައްނު ވިދާޅުވީ އައިއެސް ޖަމާއަތުގެ އަތްދަށުން މޫސަލް މިނިވަން ކުރުމުގެ ހަނގުރާމަ ކާމިޔާބުކަމާ އެކު ކުރިޔަށްދާ ކަމަށާ ނަމަވެސް އެހަނގުރާމަ ކާމިޔާބުކުރުމަށް ބޮޑެތި ދަތިތަކަކާއި އުނދަނގޫތަކެއް ތަހައްމަލް ކުރަންޖެހޭ ކަމުގަ އެވެ.

"އެންމެ ބޮޑު ދަތިތައް ދިމާވަނީ އައިއެސްއިން މޫސަލްގެ އާންމުން އިންސާނީ އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާއިރު އާންމުން މަރުނުވާނެ ގޮތަކަށް ހަނގުރާމަ ގެންދިޔުން" ބްރިގޭޑިޔަރ ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސަލްގެ ތިންބައިކުޅަ އެއްބައިން އައިއެސްގެ ބާރުތައް ފައްސާލެވިއްޖެ ކަމަށާ ނަމަވެސް ކުރިޔަށްއޮތީ ވެސް ދަތި އުނދަނގޫ ދުވަސްތަކެއް ކަމުގަ އެވެ. ނަމަވެސް މޫސަލް އެއްކޮށް މިނިވަންކޮށް އެރަށުން އައިއެސްގެ ބާރުތައް އެއްކޮށް ނައްތާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު އިރާގު ސިފައިންނަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އިރާގު ސިފައިންގެ ކޮމާންޑަރެއްކަމަށްވާ ކާނަލް އަހްމަދުލްޖަބޫރީ ވިދާޅުވި ގޮތުގައި އިރާގުގެ ލަޝްކަރުތައް މިހާރުގެންދަނީ މޫސަލްގެ އަވަށްތައް ކަމަށްވާ ސުލާމިއްޔާ އާއި ނަމްރޫދު އާއި ތެލްއާކޫބް މިނިވަން ކުރުމުގެ ހަނގުރާމަ ކުރަމުންނެވެ. އެއަވަށްތަކަށް ބޮޑުބަޑީގެ ހަމަލާތައް ދެމުންގެންދާކަމަށާ މިއަދު އެއަވަށްތަކަށް އިރާގު ސިފައިން ވަދެގަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އިރާގުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މޫސަލްގެ ހަނގުރާމައިގާ ބަލިވުމާ އެކު ފިލަން ދުވަމުންދާ އައިއެސްގެ ހަނގުރާމަވެރިން މަސައްކަތްކުރަމުން ގެންދަނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން އިރާގުގެ އެހެން ރައްތަކަށް ރެފިއުޖީންގެ ގޮތުގައި ވަދެ އަމިއްލައަށް މަރުވުމުގެ ޙަމަލާތައް ދިނުމަށެވެ.

އައިއެސް އިން މިފަދަ ހަމަލާތަކުގައި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އިރާގުގެ އާންމުންގެ 33 މީހުން މަރުވެފައިވާ ކަމަށް އެރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އިރާގު ސިފައިން ގެންދަނީ ފިލަންދުވާ އައިއެސްގެ ހަނގުރާމަވެރިންގެ ތެރެއިން ބައެއްމީހުން އަސީރުންގެ ގޮތުގައި ހައްޔަރު ކުރަމުންނެވެ. މިގޮތުން އައިއެސްގެ ހާހަކަށްވުރެ ގިނަމީހުން ފާއިތުވި ދެދުވަހުގެ ތެރޭގައި ހައްޔަރު ކުރެވިފައިވާ ކަމަށް އިރާގު ސިފައިންގެ ބަޔާނެއް ބުނެ އެވެ.

މޫސަލް މިނިވަން ކުރުމުގެ ހަނގުރާމަ އިރާގު ސިފައިން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގަ އެވެ. މިހަނގުރާމައިގާ އެމެރިކާ ސިފައިން ވައިގެ މަގުން އިރާގު ސިފައިންނަށް އެހީތެރިވަމުން ގެންދެ އެވެ.

އިރާގުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފައްލޫޖާއާއި ރަމާދީ އައިއެސްގެ އަތްދަށުން މިނިވަންކޮށްފަ އެވެ. މޫސަލް މިނިވަން ކުރެވުމުން އިރާގުން އައިއެސްގެ ބާރު ގާތްގަނޑަކަށް ކަނޑުވާލެވުނީކަމަށް އިރާގު ސަރުކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)