އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ އޮފް މޯލްޑިވްސް (ޓީޓީއެމް)ގެ ޕްރިންޓިން ޕާޓްނާގެ ގޮތުގައި އެމް7 ޕްރިންޓް ހަމަޖައްސައިފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ޓީޓީއެމް އިންތިޒާމް ކުރާ ފަރާތްކަމުގައިވާ މޯލްޑިވްސް ގެޓަވޭސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު އިބްރާހިމް އަރީފް އެވެ. އެމް7 ޕްރިންޓްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު އެވެ.

ޓީޓީއެމް އަކީ ރާއްޖޭގެ ޓްރެވެލް ޓްރޭޑް ކޮމިއުނިޮޓީއާއި ބައިނަލް އަގުވާމީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުވާލުމުގެ ގޮތުން ކޮންމެ އަހަރަކު ރާއްޖޭގައި ބާއްވާ ޝޯ އެކެވެ. މި ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އިންޓަނޭޝަނަލް ޓްރެވެލް އިންޑަސްޓްރީގެ މާހިރުން ހިމެނޭ ގޮތަށް 300 ފަރާތަކުން ބައިވެރިވާނެ އެވެ.

އަންނަ އަހަރުގެ ޖުލައި މަސް ތެރޭގައި ދެ ދުވަހުގެ މުއްދަތަކަށް މާލޭ ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ މި ޝޯގެ މަގްސަދަކީ 2020 ގެ ނިޔަލަށް ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އިތުރުކޮށް 3.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގައުމަށް ވެއްދުމެވެ.

މޯލްޑިވްސް ގެޓަވޭސް އިން ބުނީ މިދިޔަ އަހަރު ވެސް އެންމެ ކުރީގައި އޮތް ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށާއި އެގޮތުން އެ އަހަރު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައި، އެ ދާއިރާއިން ލިބުނު އާމްދަނީ 2.5 ބިލިއަން ޑޮލަރަށް އަރާފައިވާ ކަަމަށެވެ. އަދި އެދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ޓަކައި އެ ދާއިރާ މާކެޓް ކުރުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.