ވޯލްޑް ކަޕް ކޮލިފައިންގައި ލިއޮނެލް މެސީގެ ޖާދުލާ އެކު، ކޮލަމްބިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.

ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިން ބުރުގައި ކޮލަމްބިއާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ އަށް ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކާލޮސް ސަންޗޭޒް ނަގައިދިން ހުރަހަކުން ރަޑަމެލް ފަލްކާއޯ ބޮލުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ދިހަ ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފި އެވެ. އާޖެންޓީނާ އަށް ލިބުނު ހިލޭ ޖެހުމަކުން އާޖެންޓީނާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީ އެވެ. ހިލޭ ޖެހުމުން އޭނާ އުފެއްދި ހަމަލާ ގޯލަށް ވަދެފައި ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފަ އެވެ. މެސީ ނަގައިދިން ރީތި ހުރަހަކުން އާޖެންޓީނާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ޕްރާޓޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާޖެންޓީނާ މޮޅުވެފައި ވަނީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެ ވަނަ ހާފުގައި ވެސް އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެ އެވެ. އެގޮތުން އަންހެލް ޑި މަރިއާ އާއި، ނިކޮލަސް އޮޓަމެންޑި އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ.

މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، އާޖެންޓީނާ އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 84 ވަނަ މިނެޓުގައި މެސީ ދިން ބޯޅައަކުން އާޖެންޓީނާ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑި މަރިއާ އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކޮލިފައިން މެޗުގައި ފަހަތުން އަރައި އުރުގުއާއީ އަތުން ޗިލީ ވަނީ މޮޅުވެފަ އެވެ. އެ މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ޗިލީ ކުރީގައި އޮވެގެންނެވެ.

އެ މެޗުގެ 17 ވަނަ މިނެޓުގައި އުރުގުއާއީ އަށް އެޑިންސަން ކަވާނީ ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެޑޫ ވާގަސް ވަނީ ޗިލީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ދެ ވަނަ ހާފުގައި ޗިލީން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދިނީ އެލެކްސިސް ސަންޗޭޒް އެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ފެނިގެންދިޔަ އިރު، ދެ ވަނަ ލަނޑު ފެނިގެންދިޔައީ 76 ވަނަ މިނެޓުގައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއާއީ ކޮޅަށް ޗިލީގެ ސަންޗޭޒް ކާމިޔާބުކުރި ލަނޑަކަށް ފަހު، އޭނާ އުފާފާޅުކުރަނީ: އެ މެޗުން ޗިލީ މޮޅުވެފައި ވަނީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ވެނެޒުއޭލާ އަތުން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އިކުއެޑޯ މޮޅުވެފައި ވަނީ 3-0 ލަނޑުންނެވެ. އެ މެޗުގައި އކުއެޑޯ އިން ލަނޑުތައް ކާމިޔާބުކޮށްފައި ވަނީ ދެ ވަނަ ހާފުގެ ތެރޭގަ އެވެ. އިކުއެޑޯގެ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އާޓުރޯ މިނާ އާއި، މިލާ ބަލާނޯސް އަދި އެނާ ވެލެންސިއާ އެވެ.

ޕެރަގުއާއީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބޮލީވިއާ ވަނީ މޮޅުވެފަ އެވެ. އެ މެޗުން ބޮލީވިއާ މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ. އެ ލަނޑަކީ މެޗުގެ 78 ވަނަ މިނެޓުގައި ޕެރަގުއާއީގެ ގުސްޓާވޯ ގޮމޭޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އެ ނަތީޖާތަކާއެކު ދެކުނު އެމެރިކާ ބައްރުގެ ގްރޫޕަށް ބަލައިލާ އިރު، 12 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އަދިވެސް އެއް ވަނައިގައި އޮތީ ބްރެޒިލެވެ. ދެ ވަނައިގައި އޮތް އުރުގުއާއީ އަށް 12 މެޗުން 23 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް އިކުއެޑޯ އާއި ހަތަރު ވަނައިގައި އޮތް ޗިލީ އަށް 12 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. އިކުއެޑޯ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ފަސް ވަނައިގައި އޮތް އާޖެންޓީނާ އަށް 12 މެޗުން ލިބިފައި ވަނީ 19 ޕޮއިންޓެވެ.