ފަހު ވަގުތު ދެ ލަނޑު ޖަހައި، ސްޕެއިނުން އިނގިރޭސިން ހިފަހައްޓައިފި އެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ސްޕެއިނާއި އިނގިރޭސިން ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ސްޕެއިނާއި އިނގިރޭސިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ނުވަ ވަނަ މިނެޓުގައި އިނގިރޭސިން ލީޑު ހޯދީ ލިބުނު ޕެނަލްޓީއަކުންނެވެ. ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޖެމީ ވާޑީ އަށް ގޯލްކީޕަރު ޕެޕޭ ރޭނާ ކުރި ފައުލަކާ ގުޅިގެން އިނގިރޭސިންނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޑަމް ލަލާނާ އެވެ.

މެޗުގެ 15 ވަނަ މިނެޓުގައި ސްޕެއިނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ހުއާން މަޓާ ދިން ބޯޅައަކުން އިނގިރޭސިންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިޓޯލޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އިނގިރޭސިން ކުރީގައި އޮވެގެންނެވެ.

ސްޕެއިނާއި އިނގިރޭސިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން އިނގިރޭސިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ޖޯޑަން ހެންޑަސަން ނަގައިދިން ހުރަހަކުން އިނގިރޭސިންނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެމީ ވާޑީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އެ ލަނޑަށް ފަހު ސްޕެއިނުން ލަނޑެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ގިނަ ފުރުސަތުތަކެއް ވެސް ހޯދާފައިވެ އެވެ. އެގޮތުން ސްޕެއިންގެ ޑޭވިޑް ސިލްވާ އާއި، އަޑޫރިޒް އާއި، ކޮކޭ އާއި، އަލްވާރޯ މޮރާޓާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

ސްޕެއިނާއި އިނގިރޭސިން ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސްޕެއިނުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މޮރާޓާ ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އައާގޯ އަސްޕާސް އެވެ. ސްޕެއިނުން ނަތީޖާ ހަމަހަމަކޮށްފައި ވަނީ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ސްޕެއިނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިސްކޯ އެވެ.

އިޓަލީ އާއި ޖަރުމަން ރޭ ކުޅުނު އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ރަށުން ބޭރުގައި ކުޅެމުންދިޔަ ޖަރުމަނެވެ.