16 Nov 2016, 09:03
ސާކުގެ ހުރިހާ ގައުމެއް ބައިވެރިކުރުމަކީ އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ އަމާޒެއް ކަމަށާއި އަންނަ އަހަރު ބާއްވާ ސައުތު އަށް ސާކުގެ އިތުރު ދެ ގައުމެއް އިތުރުކުރާނެ ކަމަށް ސަޓާ އިން ބުނެފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ޚާއްސަކޮށްގެން ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެވޯޑް ސަޓާގައި މިއަހަރު ބައިވެރިވެފައި ވަނީ އެންމެ ތިން ގައުމެވެ. އެއީ އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން ރާއްޖެ އެވެ.
އެގޮތުން މި އަހަރުގެ ސަޓާ އެވޯޑުގައި 10 ސެގްމަންޓަކުން 39 ކެޓަގަރީއަކުން އެވޯޑް ދޭން ނިންމާފައިވާ އިރު، އެވޯޑަށް 273 ފަރާތަކުން ނޮމިނޭޓްވެފައިވެ އެވެ.
ސްރީ ލަންކާގައި އިއްޔެ އިން ފެށިގެން ކުރިއަށްދާ މި އަހަރުގެ ސަޓާ އެވޯޑްސްގެ ތެރެއިން ރޭ ބޭއްވި އޮޕަޗުނިޓީ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ސަޓާ އިންޑިއާގެ ރައީސް ސޫރަޖް ޚާން ވިދާޅުވީ، ސަޓާ އަކީ މީގެ ހަތަރު އަހަރުކުރިން ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކުރަމުންއައި މަސައްކަތެއްގެ ފުރިހަމަ ފެށުމެއް ކަމަށެވެ.
އެގޮތުން ސަރަހައްދީ ފެންވަރުގައި ވެސް އެންމެ މަގްބޫލް އެވޯޑް އަށް ސަޓާ ހެދުމަށް ޓަކައި އަންނަ އަހަރުގެ ސަޓާ އަށް ސާކް ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޫޓާން އަދި ނޭޕާލް އިތުރުކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސޫރަޖް ޚާން ވިދާޅުވީ، ސާކް ގައުމުތަކުގެ ތެރޭގައި ހިމެނޭ އަށް ގައުމު ސަޓާއަށް އިތުރުކުރުމުގައި ސްރީ ލަންކާ ވިޔަފާރިވެރީންގެ ޖަމިއްޔާ، ކޮލަންބޯ ޗެމްބާ އޮފް ކޮމާސްގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ސަޓާއަށް ދެއްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ތަޖުރިބާކާރު އަދި މަޝްހޫރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި ހައިރައިޒުން އިންތިޒާމްކުރާ މި އަހަރުގެ ސަޓާ އެވޯޑްސް 200 އަހަރުގެ ދިގު ތާރީހެއް އޮތް ސްރީ ލަންކާގެ މަޝްހޫރު ލަގްޒަރީ ހޮޓެލް، މައުންޓް ލެވީނިއާގައި އިއްޔެ ފެށިއިރު، މިރޭ އޮންނާނީ އެ އެވޯޑްސްގެ ގާލާ އިވެންޓެވެ.