16 Nov 2016, 13:30
ދެކުނު އޭޝިއާގައި ދެވޭ އެންމެ ޝަރަފުވެރި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ކަވަރު ކުރުމަށް ލިބުނު ފުރުސަތެއްގައި މި އާދެވުނީ ސްރީ ލަންކާއަށެވެ. ފުރަތަމަ ސަޓާ އެވޯޑު މި ބާއްވަނީ މި ގައުމުގެ މައި ސިޓީ، ކޮލަންބޯގެ މައުންޓް ލެވީނިއާގަ އެވެ. މިއީ 210 އަހަރުވީ ތާރީހެއް އޮތް ހޮޓަލެކެވެ.
ހަތަރު ތަރީގެ އެ ހޮޓަލަކީ އިނގިރޭސީންގެ ބާރު ސިލޯނުގައި އޮތް ދުސްވަރު ދެ ވަނަ ގަވަނަރުކަން އަދާކުރެއްވުމަށް އެގައުމަށް ފޮނުވި ތޯމަސް މައިޓްލޭންޑް ނުވަތަ މަޝްހޫރު ނަމުންނަމަ ކިންގް ޓޮމް ނަމަކަށް ކިޔާ މީހަކު ދިރިއުޅުއްވުމަށް އަމިއްލަ ގެއެއްގެ ގޮތުގައި މައުންޓް ލެވީނިއާގައި، 1806 ވަނަ އަހަރު އިމާރާތް ކުރި ގެއެކެވެ.
އަމިއްލަ ބާރާއި ޝަރަފްވެރިކަން ދެއްކުމަށްޓަކާ އެ ގޭގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކިންގް ޓޮމް ކޮންމެ ދުވަހަކު ކުރިއަށް ގެންދިޔައެވެ. އެގޮތުގެ މަތިން އެގެއަށް ނަށަން ގެންދިޔަ ގްރޫޕެއްގައި ޕޯޗުގީޒާ ސިންހަލަ ދެމަފިރިއަކަށް އުފަން ލޮވީނިއާ އޮޕަންސުވާ ނަމަކަށް ކިޔާ ޒުވާން އަންހެންކުއްޖަކު ހިމެނެއެވެ. ފަގީރު އާއިލާއަކަށް އުފަންވި ނަމަވެސް އޭނާގެ ފަރި ނެށުންތައް ފެނި ކިންގް ޓޮމް އޮޕަންސުވާއަށް ހިތްކިއެވެ. ލޯބީގައި ޖެހި އޭގެ ފަހުން އޮޕޮންސުވާ ކޮންމެ ދުވަހަކުހެން ނަށަން ގެންދިޔައެވެ.

ކިންގް ޓޮމް ސިއްރު ލޯބީގެ ގުޅުން ބޭއްވި ލޮވީނިއާ އޮޕަންސުވާ: އެ އަންހެން ކުއްޖާއަކީ ޕޯޗުގީޒާއި ސިންހަލަ ދެމަފިރިއަކަށް ލިބުނު ދަރިއެއް
ދުވަސްތަކަށްފަހު ކިންގް ޓޮމްއާ އޮޕަންސުވާގެ ދޭތެރޭގައި އޮތް ލޯބީގެ ގުޅުން އިތުރު ވަމުންދިޔައެވެ. ނަމަވެސް އޭރު އޮތް އިނގިރޭސީންގެ މުޖުތަމައުން އެކަން އެނގި އެކަމުގެ އަސަރު އެ ގުޅުމަށް ކޮށްފާނެ ކަމުގެ ބިރުވެރިކަން އޮތުމުން، ކިންގް ޓޮމް އިމާރާތްކުރެއްވި ގޭގެ އަޑިން އޮޕޮންސުވާގެއާ ގުޅާލަދޭ ސިއްރު ބިންގަރާހެއް ހެއްދެވިއެވެ. ސިއްރު ބައްދަލުވުންތަކަށް އެޅި އެ ބިންގަރާސް ވެގެން ދިޔައީ ކިންގް ޓޮމްއާ އޮޕަންސުވާ ބައްދަލުވާ ހަމައެކަނި މަގަށެވެ. އެގޮތުގައި ހަ އަހަރު އެ ދެ ލޯބިވެރިން އެކަކު އަނެކަކާ ބައްދަލުކުރިއެވެ.

އަމިއްލަފުޅަށް ދިރިއުޅުއްވުމަށް މައުންޓް ލެވީނިއާގައި ގެ އެޅުއްވި ކިންގް ޓޮމްގެ ފޮޓޯއެއް ---
ނަމަވެސް ކިންގް ޓޮމްގެ ސިއްރު ބައްދަލުވުން އިނގިރޭސި ސަރުކާރަށް ފަޅާ އެރުމުން ސިލޯންގެ ގަވަރުނަރުކަމުން ވަކިކޮށް 1811 ވަނަ އަހަރު މޯލްޓާގެ ގަވަރުނަރު ކަމަށް އޭނާ ހަމަޖެއްސިއެވެ. އެ ނިންމުން ވެގެން ދިޔައީ ކިންގް ޓޮމްއާ އޮޕަންސުވާއަށް ހިތްދަތި ނިންމުމަކަށް ނަމަވެސް ވަކިވެގެން ދިއުމުގެ ކުރިން ކިންގް ޓޮމް ދިޔައީ އޮޕަންސުވާއަށް ގަލްކިއްސަ ކައިރީގައި އޮންނަ އައްތިޑިޔަ އިން ބޮޑު ބިމެއް ހަދިޔާކޮށްދެއްވާފަ އެވެ.
ކިންގް ޓޮމް ހުރި މަގާމުން އެހެން މަގާމަކަށް ބަދަލުކުރުމުން އޭނާއާ އޮޕަންސުވާއާ ދޭތެރޭ އޮތް ލޯތްބައް ބުރޫ އެރި ނަމަވެސް، މިއަދާ ހަމައަށް އެކަމުގެ ހަދާންތައް ހޮޓަލުން ފެންނަން އެބަހުއްޓެވެ. ކިންގް ޓޮމްއާ އޮޕަންސުވާ ބައްދަލުކުރުމަށް ހެދި ބިންގަރާސް އަދިވެސް ފެންނަންހުރިއިރު، ހޮޓަލަށް މައުންޓް ލެވީނިއާ ކިއީ ވެސް ލޮވީނިއާގެ ހަނދާނުގައެވެ.
މައުންޓް ލެވީނިއާ ތަރައްގީކުރުން
ކިންގް ޓޮމް އަށްފަހު ސިލޯންގެ ގަވަރުނަރުކަމަށް އައްޔަންކުރީ ރޮބާޓް ބްރައުންރިގް އެވެ. މަގާމުގައި ހުންނެވި ދުވަސްވަރު އޭނާ ވެސް ދިރިއުޅުއްވީ ކިންގް ޓޮމް އެޅުއްވި ގޭގަ އެވެ. ނަމަވެސް އޭރު އަޅާފައި އިން އިމާރާތުގެ ވަށައިގެންވާ 35 އޭކަރުގެ ބިން ރޮބާޓް ބްރައުންރިގް ބައްލަވައިގަތެވެ.
އެ އިމާރާތް އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް ކުރެއްވީ ރޮބާޓް ބްރައުންރިގް އަށްފަހު ގަވަރުނަރު ކަމަށް ހަމަޖެއްސެވި އެޑްވާޑް ބާންސްގެ ދެވަނަ ދައުރުގައެވެ. އެއީ 1820 ވަނަ އަހަރާއި 1822 ވަނަ އަހަރާ ތެރޭގައެވެ. އެޑްވާޑް ބާންސްގެ ބެލުމުގެ ދަށުން އިނގިރޭސިންގެ މިލިޓަރީ އިންޖިނިއަރުންގެ އެހީތެރިކަމާއެކު އެތަނަށް ރީ ޑިޒައިން ކުރިއެވެ.
އެ މަސައްކަތް ނިމުނީ 1930 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް އިންޑިއާގެ ކޮމާންޑާ އިން ޗީފްގެ މަގާމަށް ބާންސް ބަދަލުކުރެއްވުމުން އެތަން އިތުރަށް ތަރައްގީ ކުރުމަށް އޭނާ ކަނޑައަޅާފައި އޮތް ޕްލޭން ކުރިއަކަށް ނުދިޔައެވެ.

މައުންޓް ލެވީނިއާ ހޮޓެލް: ހޮޓަލަށް މައުންޓް ލެވީނިއާ ކިއީ ވެސް ލޮވީނިއާގެ ހަނދާނުގައި.
ބާންސްއަށްފަހު ގަވަރުނަރުކަމާ ހަވާލުވި ރޮބާޓް ވިލްމޮޓް ހޯޓަން އެވެ. ނަމަވެސް އޭނާ އެ އިމާރާތް ބޭނުން ނުކުރާން ނިންމުމުން 1842 ވަނަ އަހަރު އެ އިމާރާތް ނީލަމުގައި ވިއްކާލަން އިނގިރޭސި ސަރުކާރުން ނިންމި އެވެ. އަދި އެތަން ފަހުން ބޭނުން ކުރަމުން ދިޔައީ ބުއްދި ހަމަނުޖެހޭ މީހުން ބަލަހައްޓާ މަރުކަޒެއްގެ ގޮތުގަ އެވެ.
މައުންޓް ލެވީނިއާ ހޮޓަލެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިންގަން ފެށީ 1877 ވަނަ އަހަރުއެވެ. ސްރީލަންކާގެ އައްސޭރި ފަށުގައި ސަރުކާރުން ގާއިމްކުރި ދެވަނަ ރެއިލްވޭ ދަތުރުތަކާއެކު އެތަން ލަގްޒަރީ ހޮޓަލަކަށް ބަދަލުކޮށް "ދަ މައުންޓް ލެވީނިއާ ގްރޭންޑް ހޮޓެލް" ގެ ނަމުގައި ހިންގަންފެށި އެވެ. އަދި އިމާރާތަށް ދެ ބައި އިތުރުކުރިއެވެ.
ދުވަސްތަކަކަށް އެތަން ހިންގުމަށްފަހު 1927 ވަނަ އަހަރު މަޝްހޫރު ހޮޓެލްތަކެއްގެ ވެރިޔާ، އާރތާރ އެފްރޯމްސް އެ ހޮޓެލް ގަތެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން 1939 ވަނަ އަހަރު އެތަން އިނގިރޭސި ވިލާތުގެ ލަޝްކަރުގެ ސަޕްލައި ބޭސް އަކަށް ހަދާ އެ ލަޝްކަރުގެ މިލިޓަރީ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރިއެވެ.
މައުންޓް ލެވީނިއާ ހޮޓަލުގެ ތާރީހަށް ބަލާއިރު، އެތަނަކީ ގިނަ ބަޔަކު ހިންގާފައިވާ ތަނެއްކަން ފާހަގަކުރެވެއެވެ. އެގޮތުން، 1944 ވަނަ އަހަރު ސިލޯން ހޮޓެލްސް ކޯޕަރޭޝަން ލިމިޓެޑަށް އެތަން އަލުން ވިއްކާލި އެވެ. އަދި އެ ކުންފުނީގެ ދަށުން ހަތަރު އަހަރު އެ ހޮޓެލް ހިންގުމަށްފަހު ސިލޯނަށް އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނު 1948 ވަނަ އަހަރު އެޗް ޖޭ ޕިލްބްރޯ އަށް އަދި 1955 ވަނަ އަހަރު ޕީ އޭ އެޑިރިވީރާ އަށް ވިއްކާލެވުނެވެ.

މައުންޓް ލެވީނިއާގައި ހިމެނޭ ކޮލޯނިއަލް ބައިގެ ކޮޓަރިއެއް: ކޮލޯނިއަލް ބައިގާ ހުންނަ ކޮޓަރިތަކަކީ އެތަން ފުރިހަމަ ހެދި އިރުވެސް ހުރި ކޮޓަރިތައް ---
ޖުމްލަ 210 ކޮޓަރިއާ 11 ސޫޓްސް އަދި ތިން ރެސްޓޯރެންޓް ހިމެނޭ މައުންޓް ލެވީނިއާ ހޮޓަލުގައި ތިން ބައެއް ހިމެނެއެވެ. އެއީ ޑައިރެކްޓް އޯޝަންވިއު ކޮޓަރިތައް ހިމެނޭ ބަޔާއި އޯޝަންވިއު ކޮޓަރިތައް ހިމެނޭ ބައިގެ އިތުރުން ކޮލޯނިއަލް ކޮޓަރިތައް ހިމެނޭ ބައެކެވެ.
މި ތިންބައިގެ ތެރެއިން ވެސް ހޮޓަލުގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ކޮލޯނިއަލް ކޮޓަރިތައް ހިމެނޭ ބައެވެ. އެ ބަޔަކީ ކިންގް ޓޮމް، އޭނާ ދިރިއުޅުއްވުމަށް އެޅުއްވި އިމާރާތެވެ. އެގޮތުގައި އަދިވެސްއެވެ.
އެ އިމާރާތައް އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު ހަދާފައިވާ ކޮޓަރިތަކުގައި ހަރުކޮށްފައިވާ ސްވިޗް ބޯޑުން ފެށިގެން ފަރުނީޗަރަކީ ވެސް މީގެ 200 އަހަރު ކުރީގެ އެއްޗިއްސެވެ. ތަނުގެ އެކި ޑިޕާޓްމަންޓުގެ މުވައްޒަފުންވެސް ލައިގެން ތިބޭނީ މީގެ ގާތްގަނޑަކަށް 100 ވަރަކަށް އަހަރު ކުރިން އިނގިރޭސިވިލާތުގެ ސިފައިން ލައިގެން އުޅުނު ވައްތަރުގެ ހެދުން ނަކަލުކޮށް ކުދިކުދި ބަދަލުތަކެއް ގެނެސްފައިވާ ޔުނީފޯމްތަކެކެވެ.

މައުންޓް ލެވީނިއާ ފެނިގެންދާ ކުރީގެ ފޮޓޯއެއް --
"ކޮލޯނިއަލް ހޮޓަލަކުން ބޭރަކަށް ދާކަށް ބޭނުމެއް ނުވޭ. މިތަން ބާއްވަން ވެސް ބޭނުންވަނީ އެގޮތަށް...ހޮޓެލެއްގެ ގޮތުގައި ބޭނުންކުރަން ފެށި ހިސާބުން ކޮޓަރިތަކުގައި ހުރި ފަރުނީޗަރު އަދިވެސް އެ ކޮޓަރިތަކުގައި އެހުރީ. އަޅުނގަޑުމެން އެއްވެސް ފަރުނީޗަރެއް ބޭރަކަށް ނުނެރެން. އާ ފަރުނީޗަރެއްވެސް ބަދަލެއް ނުކުރަން،" އެސިސްޓަންޓް ޑިރެކްޓަރު ސޭލްސްސް އެންޑް މާކެޓިން ސެވިއޯ މެންޑޮންޒާ ވިދާޅުވި އެވެ.
ކޮޓަރިތަކުގެ ފަރުނީޗަރަށް ބަލާއިރު މުޅިންވެސް ހުންނަނީ ލަކުނޑިން ހަދާފައިވާ ފަރުނީޗަރެވެ. ކުރީ ޒަމާނުގައި އިނގިރޭސި ޝާހީ ކޮޓަރިކޮޅުތަކަށް ފަރުނީޗަރު ހަދާގޮތަށް ފަރުނީޗަރުތަކުގައި ބަނޑިބަނޑި ވަރަށް ވެސް ގިނައެވެ. މޭޒާ ކަނބަޑުތަކުގައި ވެސް ގިނައީ ވަތްގަނޑެވެ. ކޮޓަރިތަކުގެ ކުޑަ ދޮރުތަކަކީ ވެސް އެވޭލާ ޒަމާނުގައި ބޭނުންކުރި ލައްޕާ ހުޅުވާ ދޮރުތަކެވެ.

މައުންޓް ލެވީނިއާގައި ހިމެނޭ ކޮލޯނިއަލް ބައިގެ ކޮޓަރިއެއް: ކޮލޯނިއަލް ބައިގާ ހުންނަ ކޮޓަރިތަކަކީ އެތަން ފުރިހަމަ ހެދި އިރުވެސް ހުރި ކޮޓަރިތައް ---
ސެވިއޯ ވިދާޅުވީ، ހޮޓަލުގެ ބާކީ ދެބައިގާ ޒަމާނީ ފަރުނީޗަރު ހުރި ނަމަވެސް، އެންމެ ކުރީގެ ބުލޮކު ބަދަލުކުރަން ބޭނުންނުވަނީ އެކަމަށް ބައެއް ފަތުރުވެރިން ބޭނުންވާތީ ކަމަށެވެ. އެގޮތުން، އެ ހޮޓަލުގެ އެންމެ ގިނަ ކްލައިޓުންނަކީ ވެސް އިނގިރޭސިވިލާތުގެ ފަތުރުވެރިން ކަމަށް ވިދާޅުވި އެވެ.
"ބައެއް ހޮޓަލްތަކުން ވަރަށް ބޮޑަށް އެ ހޮޓަލެއް ބަދަލުކޮށްލާނެ. މިތަނުގައި އަޅުނގަޑުމެން މިގެންނަނީ ކުދިކުދި ބަދަލުތައް. އޮރިޖިނަލް ސެޓިން ބޭނުންވާ ކްލައިޓުން އެބަ އުޅޭ. ބައެއް ކްލައިޓުން އެ ސެޓިން ބޭނުންވެގެން ހަފްތާއެއްގެ ޗުއްޓީއަކަށް އެއް އަހަރުކުރިން ބުކިން އެބަހަދާ،" ސެވިއޯ ވިދާޅުވި އެވެ.