16 Nov 2016, 01:42
ކުނި ނައްތާލުމަށް މީހުން ހޭލުންތެރި ކުރުވުމަށް "ފެހި ވާހަކަ"އިގެ ނަމުގައި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަންގާރަ ދުވަހުގެ ހަރަކާތެއް ފަށައިފި އެވެ.
އެ ހަރަކާތް އިފްތިތާހް ކޮށްދެއްވީ މިރޭ ޝީ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ކުންޏާ މެދު މީހުން ދެކޭ ގޮތާއި ކުނި ނައްތާލާނެ ރަނގަޅު ގޮތްތަކާ ބެހޭ ގޮތުން މީހުންނާ ވާހަކަ ދެއްކުމަށް ފެށި އެ ހަރަކާތުގެ ފުރަތަމަ ޕްރޮގްރާމުގައި ފެނިގެން ގޮސްފައިވަަނީ ވެމްކޯގެ ބްރޭންޑް އެމްބެސަޑަރުން ކަމަށްވާ އަބްދުއް ރަޝީދު އަލީ (އަބްސީ) އާއި އަހްމަދު އާތިފެވެ.
ކުނި ނައްތާލުމާ ބެހޭގޮތުން އެ ދެ އެމްބެސެޑަރުން "ފެހި ވާހަކަ" އިގެ ފުރަތަމަ ޕްރޮގްރާމުގައި ވާހަކަ ދައްކާފައިވާއިރު، މިރޭ ވަނީ "އީ ގައިޑް"ގެ ނަމުގައި ކުނި އުކާލުމަށް ތައްޔާރުކުރާނެ ގޮތާއި ކުނި ވަކިކުރުމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހާއްސަ ގައިޑެއްވެސް ތައާރަފް ކޮށްފައެވެ.

ފެހި ވާހަކަ ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ދެއްކެވި ވާހަކަފުޅުގައި ކުނީގެ މައްސަލަ ހައްލުކުރުމަށް އިގްތިޞާދު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި، އާއްމުން އެކަމަށް ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާއިންވެސް އުފެދޭ ކުނި ރަނގަޅު ގޮތުގައި ނައްތާލަން ޖެހޭ ކަމަށާއި، އެކަން އެގޮތަށް ނުކުރެވިއްޖެ ނަމަ ބަލި މަޑުކަމެއް ފެތުރުމަކީވެސް ދުރުގައިވާ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކޮށް މެނޭޖް ކުރުމަށް ވެމްކޯއިން ގިނަ މަސައްކަަތްތަކެއް ކުރާ ކަމަށާއި، އެގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ކުނި ނައްތާލުމުގެެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެހި ވާހަކަ ޕްރޮގްރާމް ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުއާދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
ކުނި އުފެދޭ މިންވަރު މަދުކޮށް ކުނި މެނޭޖްކުރުމަށް 3އާރު (ރިޑިއުސް، ރިޔޫޒް، ރިސައިކަލް) މޮޑެލް އަށް އަމަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރީސައިކަލް ކުރުމަށް ބާރު އެޅުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާ އެކު ފަށާފައިވާ މަސައްކަތުގެ ދަށުން ފުރަތަމަ ޝިޕްމަންޓުގައި 32 ޓަނުގެ ކަރުދާސް ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި މިރޭ ވަނީ އެއްވަނަ އިނާމަކަށް ފަސްހާސް ރުފިޔާ ލިބޭ ފޮޓޯ މުބާރާތެއް ފޭސްބުކް މެދުވެރިކޮށް ހިންގުމަށް ހަމަޖެހިފައިވާކަން ވެސް އިއުލާނު ކޮށްފައެވެ. އެ މުބާރާތާ ގުޅޭ ތަފްސީލު ވެމްކޯގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަރަށް އަވަހަހަށް އިއުލާން ކުރާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.