ނ. އަތޮޅުގެ ރަށް ތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސިޔާމް މައުރޫފް ސޮކާކަޕްގައި މިއަހަރު އެ އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެފައިވާއިރު، އެ މުބާރާތުގެ ގުރުނެގުން އަންގާރަ ދުވަހުގެ ރޭ ސަލްސާ ރޯޔަލްގައި ބާއްވައިފިއެވެ.

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނަންގަވައިގެން މީގެ ދެ އަހަރު ކުރިން ބާއްވަން ފެށި އެ މުބާރާތުގައި މިފަހަރު، ނ. އަތޮޅުގެ ހުރިހާ ރަށަކުން ޓީމުތައް ބައިވެރިވެފައިވާއިރު މިއަހަރުގެ މުބާރާތް ކުރިއަށް ދާނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ކުޑަފަރީ އެފްސީ އާއި މަގޫދޫ އެފް ސީ އާއި އެފްސީ މާފަރު އާއި ވެލިދޫގެ އިތުރުން ލަންދޫ އެފްސީއެވެ.

ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީ އާއި ޅޮހީ ބޯޅަ ޓީމާއި ހެނބަދޫ ފުޓްބޯޅަ ޓީމާއި މިލަދޫއެވެ.

ގްރޫޕް ސީގައި ހިމެނެނީ މުބާރާތް ބާއްވާ ކެނދިކުޅުދޫ އެފްސީ އާއި ފޮއްދޫ އެފްސީ އާއި މާޅެންދޫ އެފް ޓީގެ އިތުރުން މަނަދޫ އެފްސީއެވެ.

ކުރިން އަންނަ ހަފްތާގެ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެ މުބާރާތް މިހާރު ވަނީ އެއް ދުވަސް ލަސްކޮށް 26 ވާ ހޮނިހިރު ދުވަހު ފެށުމަށް ތާވަލުކޮށްފައެވެ.