14 Jun 2011, 14:07
ބައިނަލް އަގްވާމީ ޖިނާއީ ކޯޓު (ރޯމް ސްޓެޓިއުޓް އޮފް ދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ މައްސަލަ ގައުމީ ސަލާމަތީ ކޮމިޓީގައި ބަހުސް ކުރުމަށްފަހު އެ ކޯޓުގައި ބައިވެރި ވުމަށް ފެންނަ ކަމަށް އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓާ ގުޅިގެން އެ ކޯޓުގައި ބައިވެރިވުމަށް މަޖިލީހަށް ފެނޭތޯ ވޯޓަށް އެއްސެވުމުން އެ ވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުން އެކަމަށް ތާއީދު ކުރައްވައި ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވި އެވެ.
ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ އަބުދުﷲ ޔާމީން ވިދާޅުވީ، މައްސަލަ ކޮމިޓީން ދިރާސާ ކުރުމުގައި ދައުލަތުގެ އެޓާނީ ޖެނެރަލާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕީޖީގެ ބަސް ހޯއްދަވާފައިވާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓެއް އޮތުމުގެ އެންމެ ބޮޑު ސަބަބެއްކަމަށް، އެ ކޯޓުގައި ބައިވެރިވެފައިވާ ގައުމުތަކުން ދެކެނީ، ގައުމުތަކުގެ ކޯޓުތަކުގެ އިހްތިސާސުން ބޭރުގައި ހިނގާ، ބައިނަލް އަގްވާމީ ކަންބޮޑުވުންތައް ހިމެނޭ ކަންކަން ބައިނަލް އަގްވާމީ ކޯޓަކުން ބެލެންޖެހޭނެ ކަމަށް ދުށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓުން ބަލަނީ އެންމެ ބޮޑެތި ޖަރީމާތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ބޮޑެތި ގަތުލު އާއްމުތައް. އިންސާނިއްޔަތާ ހިލާފު ބޮޑެތި ކުށްތައް. ހަނގުރާމައިގެ ޖަރީމާތައް. އެކި ގައުމުތަކަށްދޭ އުދުވާނީ ހަމަލާތައް. އެކަމުގައި ބައިވެރި ވުމުން ރާއްޖެއަށް ލިބޭނެ ފައިދާތަކެއް އޮންނާނެ. އެގޮތުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމާއި އިންސާނީ ހައްގުތަކާބެހޭ ކަންތައްތައް ކުރިއަށްދާނެ،" ޔާމީން ވިދާޅުވި އެވެ.
ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރިޕޯޓުގެ ބަހުސްގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓުގައި ބައިވެރިވުމަށް ތާއީދު ކުރައްވާކަމަށެވެ.
އެމްޑީޕީގެ މެންބަރު މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ ވިދާޅުވީ އިންސާނީ ހައްގުތަކާއި ހަމަކަމަކީ ސަރުކާރުން ވަރަށް އިސްކަންދޭކަމެއް ކަމަށާއި އެ ކަންކަމަކީ އަބަދު ވެސް ސަރުކާރުން ވަކާލާތު ކުރަމުން އަންނަ ކަންތައްތައް ކަމަށެވެ. އަދި މިހާރުގެ ވެރިކަމުގައި ބައިނަލް އަގްވާމީ ކްރިމިނަލް ކޯޓުގައި ބައިވެރިވުމަށް ނިމިގެން ދިއުމަކީ، އެކަމުގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ނުކުރާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރްޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފް ވިދާޅުވީ، އެ ކޯޓުން ބަލާނެ މައިގަނޑު ކުށްތަކަކީ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ކަމަށެވެ. އަދި އެ ކޯޓުގައި ރާއްޖެ ބައިވެރި ވުމުގެ ސަބަބުން އެފަދަ ކުށްތަކަކީ ކޮބައިކަން ކަނޑައަޅައި އިތުރު ގާނޫނުތައް ހަދަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަމުން ރައްޔިތުންނަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ. އަދި އެކަމާ ގުޅިގެން ފާސްކުރަންޖެހޭ ގާނޫނުތަކެއް އެބަހުރި. ގާނޫނުގައި ކުށްތަކެއްގެ ގޮތުގައި އެކަންކަން ފާހަގަ ކުރަންޖެހޭ. މިހާތަނަށް އެފަދަ ކުށްތަކެއް ހިންގާފައި ނުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަކަމެއް ދިމާވެދާނެތީ އެކަމަށް ތައްޔާރުވާންޖެހޭ،" މަހްލޫފު ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، އެފަދަ ކަންތައްތަކުގައި ރާއްޖެއިން ބައިވެރިވާއިރު ލިބޭނެ ފައިދާތަކާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ.
"ރައީސް ނަޝީދު އެފަދަކަމެއް މަޖިލީހަށް ފޮނުވާފައިވާއިރު ސާކްގެ ގައުމުތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމެއް، ތަސްދީގު ކުރުމަށް މަޖިލީހަށް ފޮނުއްވާފައި ނުވާތީ ސުވާލު އުފެދޭ. ސަބަބަކީ އެއަށްވުރެ މާބޮޑު ގެއްލުމެއް ރާއްޖެއަށް ލިބިގެންދާނެ އެއްބަސްވުމެއް އެއީ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ފުރުސަތުތަކެއް އެބަ ހުޅުވާލަންޖެހޭ. ބައެއް ހާލަތްތަކުގައި މަޖިލީހާ މަޝްވަރާ ނުކޮށް ސަރުކާރުން، ގައުމުގެ ވިޔަފާރިތައް އިންޑިޔާއަށް ހުޅުވާލަމުންދަނީ،" މުއްތަލިބު ވިދާޅުވި އެވެ.