16 Nov 2016, 00:43
ޕްރެޒިޑެންޓްސް ކަޕްގައި އަލަށް ވާދަކުރާ ސ. ފޭދޫ އަތުން ހަނިތަފާތަކުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް ދޭއްގެ މެޗުގައި މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން، ފޭދޫ އަތުން މާޒިޔާ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިރޭ ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ފޭދޫގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. އެގޮތުން މެޗުގެ ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް، ފޭދޫގެ އަހްމަދު ރަޝީދަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޭދޫގެ އަހްމަދު ރަޝީދު އުފެއްދި ހަމަލާ، ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓްތެރޭ ފޭދޫގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެވަނަ ހާފުގައި މާޒިޔާއަށް ލިބުނު ފުރަތަމަ ފުރުސަތުން އެ ޓީމުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަސައްކޮ އެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ވެސް މާޒިޔާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ސަމޫހު އަލީ ނަގައިދިން ހުރަހަކުން ފޭދޫގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، އަޝްއަދު އަލީ (އަޑުބަރޭ) ބޮލުން އުފެއްދި ހަމަލާ، ފޭދޫގެ ގޯލްކީޕަރު އޫމަރް ސީސޭ ވަނީ މަތަކޮށްފައެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ 61 ވަނަ މިނެޓުގައި ފޭދޫން ވަނީ ލަނޑެއް ޖަހައި، މާޒިޔާ އިން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. އަލީ ލިރުއާމް ދިން ބޯޅައަކުން ފޭދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހުދީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަމްދާން އަލީ (އެންޑީ) ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.
މެޗު ނިމެނިކޮށް މާޒިޔާ އަދި ފޭދުއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ދަގަނޑޭއަށް ލިބުނު ފުރުސަތަކުން އޭނާ އުފެއްދި ހަމަލާ، ކީޕަރު އޫމަރް ސީސޭ މަތަކުރި އިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފޭދޫގެ އަހްމަދު ތޮލާލް އުފެއްދި ހަމަލާ މާޒިޔާގެ ކީޕަރު އިމްރާން ވަނީ މަތަކޮށްފައެވެ.
ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ އާއި ފޭދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވެފައި ވަނީ 2-1 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެ މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ކުޅޭ ގްރޫޕް އެކެއްގެ މެޗުގައި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ އިރު، އެ ރޭ ކުޅޭ ގްރޫޕް ދޭއްގެ މެޗުގައި ބައްދަލުކުރާނީ ސ. ފޭދު އާއި ޔުނައިޓެޑް ވިކްޓަރީ އެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުރިއަށްދިޔައެވެ. ގްރޫޕް އެކެއްގައި ކުޅުނު އެ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް ވަނީ މޮޅުވެފައެވެ.