16 Nov 2016, 08:37
އަންނަ އަހަރު މާލޭގައި ކުރިޔަށް ގެންދާ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަކޮށް، އަތޮޅުތެރޭގައި ބޭނުންވެފައިވާ މަޝްރޫއުތައް ހިންގުމަށް ޓަކައި ރަށްރަށުގެ ބަޖެޓު ބޮޑުކޮށްދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް މިހާރު ނިންމާލާފައިވާ އިރު، އެ ބަހުސްގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި މާލެއަށް ވަރަށް ބޮޑު ބަޖެޓެއް އެބަ އޮތް ކަމަށާއި، އެހެން ނަމަވެސް ރަށްރަށުގެ ބަޖެޓު ކުޑަވެގެން ރަށްރަށުން މަސައްކަތް ކުރާތީ ހިތާމަ ކުރައްވާ ކަމަށެވެ.
ދައުލަތުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި މާލޭގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ޓަކައި ޑޮމެސްޓިކް، ހިލޭ އެހީ އަދި ލޯނު އެހީއިން ޖުމްލަ 2.6 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ޖަހާފައި އެބަ އޮތެވެ.
އަސްމާ ވިދާޅުވީ، މާލެއަކީ މިހާރު ވެސް ވަރަށް ބޮޑަށް ތަރައްގީވެފައި އޮތް ސިޓީއެއް ކަމަށާއި، މާލެ އިތުރަށް ތަރައްގީ ކުރުމަކީ މާލެ އިތުރަށް ތޮއްޖެހުމަށް މެދުވެރިވާނެ ސަބަބެއް ކަމަށެވެ.
"މާލެ ތަރައްގީކުރުމުގެ ބަދަލުގައި އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު. މާލޭގައި މިހާރު މަގުތަކާއި އެއްޗެހި ޑިވެލޮޕްކުރުމާއި، ސަލްޓަން ޕާކު ފަދަ ތަންތަން އަލުން ތަރައްގީ ކުރުމުގައި އަޅުގަނޑުގެ ޚިޔާލަކީ އިހަށް މަޑުޖައްސާލާފައި، ރަށްރަށުގައި ތިއްބެވި ރައްޔިތުން ބޭނުންވެފައި ތިބި ދާއިރާތަކަށް، ވާހަކަ ދައްކައިގެން ޕާސްކުރެވޭ ގޮތެއް ވިއްޔާ އެ ދިމާތަކަށް ޕާސްކުރުން،" އަސްމާ ވިދާޅުވި އެވެ.
އަސްމާ ވިދާޅުވީ، ބަޖެޓު ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އެގޮތަށް ކަންތައް ވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މާލޭގައި އަންނަ އަހަރު ފަށާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި މައްޗަންގޯޅި ދެކުނުގައި ހަތަރު ބުރީގެ، ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމާއި، ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގެ ބައެއް މަސައްކަތްތަކާއި، ހެންވޭރު ފުޓުބޯޅަ ދަނޑު ތަރައްގީކުރުމާއި، މާވެޔޮ މިސްކިތް އަލުން އެޅުމާއި، ކިންގް ސަލްމާން މިސްކިތް އެޅުމާއި މާލޭގެ އިރުމައްޗާއި ހުޅަނގު އާޓިފިޝަލް ބީޗުތައް ތަރައްގީ ކުރުން ހިމެނެ އެވެ.