15 Nov 2016, 22:34
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އަށް މެންބަރުން އިތުރުކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރޭން، މާލޭން ގިނަ އަދަދެއްގެ ޒުވާނުން އެ ޕާޓީއަށް ސޮއިކޮށްފިއެވެ.
އެމްޑީއޭގެ ޔޫތު ވިންގުގެ ރައީސް އަހްމަދު ރީހާން ވިދާޅުވީ، މިއަހަރު ތެރޭގައި 18 އަހަރު ފުރުނު 50 އަށްވުރެ ގިނަ ޒުވާނުން މިއަދު އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނާ ގުޅުނު ކުދީންނަކީ، މުޅިން އަލަށް 18 އަހަރު ފުރުނު ކުދީން. އަޅުގަނޑުމެންގެ ޕާޓީއާ ގުޅޭ ޒުވާނުންގެ އަދަދު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. މިއިން ހާމަވަނީ އަޅުގަނޑުމެންގެ ޕާޓީގެ ޒުވާން ލީޑަރު، އަހްމަދު ސިޔާމް މުހައްމަދު، މި ޕާޓީގެ މެންބަރުންނާ ދޭތެރޭ ބަހައްޓަވާ ގާތްކަމާއި ލޯތްބާއި އޯގާތެރިކަން،" ރީހާން ވިދާޅުވިއެވެ.
ރީހާން ވިދާޅުވީ، އެމްޑީއޭއަށް މެބްމަރުން އިތުރުކުރުމަށް މިހާރު ކުރިއަށް ގެންދާ ޚަރަކާތްތަކުގެ ތެރެއިން، އެ ޕާޓީގެ ޒުވާނުންގެ ވިންގުން ކުރާ މަސައްކަތުން މިހާރުވެސް ހަފްތާއެއްގެ ތެރޭގައި، 50 އާ 100އާ ދެމެދުގެ އަދަދަކަށް މެންބަރުން ޕާޓީއާ ގުޅެމުން އަނަން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ 1/2 މެންބަރުންނަކީ ޒުވާނުން. މިއިން އެނގެނީ އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރުގެ ސިޔާސަތުތަކަށް ޒުވާނުން ތާއީދުކުރާ މިންވަރު،" އޭނާ ވިދާޅުވިއެވެ.
"މިހާރު އަޅުގަނޑުމެންނަކީ، ތިންވަނައަށް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ. އަޅުގަނޑުމެންގެ އުންމީދަކީ 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށް އެމްޑީއޭ ހެދުން."
މާލޭން ގިނަ އަދަދެއްގެ ޒުވާނުން އެމްޑީއޭއާ ގުޅެމުން އަންނައިރު، އިއްޔެ ވެސް 100އަށް ވުރެ ގިނަ މެންބަރުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.
އެމްޑީއޭގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް ވިދާޅުވެފައި ވަނީ، މާޅެންދޫގެ އިތުރުން، ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭގައި، ނ. އަތޮޅު ވެލިދޫ، މަނަދޫ، އަދި ކެނދިކުޅުދޫ މިއިން ކޮންމެ ރަށަކުން ވެސް މަދުވެގެން 100 ވަރަކަށް މެންބަރުން އެމްޑީއޭއާ ގުޅޭނޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލިއިރު، އެމްޑީއޭގައި ތިބީ 10584 މެމްބަރުންނެވެ. ގެ ގޮތުގައި އޮތީ، 37،633 މެމްބަރުންނާއެކު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްއެވެ. 27،805 މެންބަރުންނާއެކު ދެވަނައިގައި އެމްޑީޕީ އޮތް އިރު، ތިންވަނައަށް އެންމެ މެންބަރުން ގިނަ ޖުމްހޫރީ ޕާޓީގައި ތިބީ 10،989 މެންބަރުންނެވެ.