15 Nov 2016, 22:58
އައްޑޫ ސިޓީގެ މީދޫގައި ނެރު ކެނޑުމަކާ ދެކޮޅު ނުހައްދަވާ ކަމަށާއި، ދެކޮޅު ހައްދަވަނީ ނެރު ކެނޑުމަށް ފަރު ގޮއްވުމާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މީދޫގެ ނެރެއް ކެނޑުމުގެ މަޝްރޫޢުގެ އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީދުއާ އިސްމަހެލަ ހެރާއާ ދެމެދުން ދަތުރުކޮށް އެތެރެވަރިއަށް ވަދެ، މީދޫގެ ބަނދަރަށް ވަދެވޭ ގޮތަށް ކަނޑުން މަގެއް ކަނޑައި ނިމިފައިވާ އިރު، ނުނިމި އޮތް މަސައްކަތަކީ މީދޫގެ ފުއްޓަރުން ނެރު ކެނޑުމެވެ. ފުއްޓަރުގެ ބޭރުގެ އާނުގަނޑު ހަރު ކަމުން، އެތަން ފޫދުއްވާލެވޭ ގޮތް ވަނީ ނުވެފައެވެ.
އެއާގަން އަދި ޑްރޮޕް ހެމާ ބޭނުންކޮށްގެން ވެސް އެތަނުގެ ފޫދުއްވައިލެވިފައި ނުވާތީ، މަޝްރޫއުގެ އެދިޔާރު، ހައުސިންގް މިނިސްޓްރީގެ ފަރާތުން ވަނީ އެސަރަހައްދުގެ ފަރު، ޑައިނަމައިޓް ބޭނުންކޮށްގެން ގޮއްވާލައިގެން ނެރު ކެނޑުމުގެ ހުއްދައަށް އެދިފައެވެ.
އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އެ ހުއްދަ، މިދިޔަ ބުދަ ދުވަހު (ނޮވެމްބަރު ނުވަވަނަ ދުވަހު) ދީފައެވެ.

މީދޫގެ ނެރު ގޮއްވުމަށާއި، ރޮޒައިނާގެ އިސްތިއުފާއަށް ގޮވައި މިއަދު ހުޅުމީދޫގައި ކުރި މުޒާހަރާ --
މީދޫގެ ފަރު ގޮއްވާލުމުގެ ހުއްދަ ދިނުމުން އެކަމާ ދެކޮޅަށް، އެމްޑީޕީއަށް ނިސްބަތްވާ، އައްޑޫ މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒައިނާ އާދަމް އަޑު އުފުލުމުން، ސަރުކާރަށް ތާއީދުކުރާ، ހުޅުމީދޫގެ ބައެއް ރައްޔިތުން މިއަދު ވަނީ މުޒާހަރާ ކޮށްފައެވެ. އެފަރާތްތަކުން ބުނަމުން ދިޔައީ ރޮޒައިނާ ގެންދަވަނީ މީދޫގެ ތަރައްގީއަށް ހުރަސް އަޅުއްވަމުން ކަމަށެވެ. އަދި ރޮޒައިނާގެ އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ.
މިކަމާ ގުޅިގެން ރޮޒައިނާ މިއަދު ވިދާޅުވީ، ސަރުކާރުން ތަރައްގީއަށް ކޮށްފައިވާ އެއްވެސް ކަމަކަށް ހުރަސް އަޅާފައި ނުވާނެ ކަމަށާއި، ކޮންމެ ސަރުކާރަކުންވެސް ތަރައްގީއަށް ކުރާ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އެހެން ނަމަވެސް ރައްޔިތުންނަށް ގެއްލުން ދިނުމަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވަމުން، ރޮޒައިނާ ވިދާޅުވީ އޭނާ ދެކޮޅު ހައްދަވަނީ ފަރު ގޮއްވާލުމާ ކަމަށެވެ.
އައްޑޫ މީދޫ ފުށްޓަރުން ނެރު ކެނޑުމަށް ޑްރޮޕް ހެމާ ބޭނުންކުރަނީ: ފަރު ގޮއްވުމުގެ ހުއްދައަށް އެދުނީ އިތުރު ގޮތަކުން ނެރު ކެނޑެން ނެތުމުން ކަމަށް އީއައިއޭއާ އެކު ހުށަހެޅި ރިޕޯޓުގައި ބުނޭ --
ރޮޒައިނާ ވަނީ، ފަޅު ފުންކުރުމަށް ކިތަންމެ ޓެކްނޮލޮޖީއެއް ހުރި އިރުވެސް، "އެންމެ ފަސޭހަ ގޮތް" ހޯދައިގެން މީދޫގެ ފަރު ގޮއްވާލުމުގެ މަގްސަދާ މެދު ސުވާލު އުފައްދަވައިފައެވެ. އަދި ކޮންޓްރެކްޓަރުން އަބަދުވެސް ހޯދާނީ އެންމެ އަގުހެޔޮ ގޮތް ކަމަށާއި، ކޮންޓްރެކްޓަރުން މި މަސައްކަތް ނިންމައި، ފައިސާ ހިފައިގެން ދިއުމުން ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަރު ގޮއްވުމުން އެކަމުގެ ގެއްލުން ފަރަށް ވާނެކަން ޔަގީންވާ އިރު، ކައިރީގައި އޮންނަ އިސްމަހެލަ ހެރާ ރިސޯޓުގެ ފަތުރުވެރިންނަށް ދައްކާނެ ރީތި ފަރެއް ނޯންނާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އަދި މީދޫގެ ބައެއް މުސްކުޅި ގެތަކަށް ވެސް ގޮއްވާލުމުގެ އަސަރު ކުރާނެ ކަމަށް އީއައިއޭ ރިޕޯޓުގައި ވަތީ، އެކަމާ މެދު ރޮޒައިނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ފަރު ގޮއްވާލީމާ އިސްމެހެލަ ހެރާ ރިސޯޓަކަށް ހަދައިގެން ކޯއްޗެއް ދައްކަންތޯ ޓުއަރިސްޓުން ގެންނަނީ؟ މަރުވެފައި އޮތް ފަރެއްތޯ؟ ފަސް ކިލޯމީޓަރަށް ތިކަމުގެ އަސަރު ކުރާނެކަމަށް އީއައިއޭ ރިޕޯޓުގައި ބުނޭ. ގޭގެއަށް ވެސް އަސަރު ކުރާނެ ކަމަށް އެބަ އޮތް. ކޯގަންނު ގަބުރުސްތާނޯ؟ ރަށް ގިރުމޯ؟ މިކަންކަމަށް ވިސްނަން ޖެހޭނީ ރައްޔިތުން،" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ހދ. ކުމުންދޫގެ ބަނދަރު ހެދުމަށް ވެސް ފަރު ގޮއްވާލުން ނޫން ގޮތެއް ނެތް ކަމަށް ކޮންޓްރެކްޓަރުން ބުނި ކަމަށާއި، ނަމަވެސް އޭރުގެ ހައުސިންގް އެންޑް އެންވަޔަރަންމެންޓު މިނިސްޓަރު މުހައްމަދު އަސްލަމް އެކަމަށް ހުއްދަ ނުދިނުމުން، އެންމެ ފަހުން އެ ބަނދަރު ހެދީ ހެމަރ ބޭނުންކޮށްގެން ކަމަށެވެ.
"ރައްޔިތުންނަށް ގެއްލުން ދޭކަށް އާނއެކޭ ނުބުނާނަން. ރާއްޖޭގެ ނާޒުކު ތިމާވެށި، އަގުހެޔޮގޮތް ހޯދުމަށް ހަލާކުކޮށްލާކަށް އެއްބަހެއް ނުވެވޭނެ،" ރޮޒައިނާ ވިދާޅުވިއެވެ.
މީދޫގައި ނެރު ކެނޑުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ސްރީލަންކާގެ ސެނޯކް ޓްރޭޑް ކޮމްބައިން ނަމަކަށް ކިޔާ ކުންފުންޏެކެވެ. އެކުންފުނިން މީދޫގެ ފުއްޓަރު ފަރާތު ފަރުގެ 15x27 މީޓަރުގެ ސަރަހައްދެއް ގޮއްވާލުމަށް ހުށަހަޅާފައިވަނީ، އެމޯނިއާ ނައިޓްރޭޓް ކިޔާ ގޮވާ ޒާތުގެ ކެމިކަލަކާއި، ޑައިނަމައިޓް ބޭނުންކޮށްގެންނެވެ.