ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ހުރުމަކީ މިއަދުގެ ސަރުކާރަށް މުހިއްމު ކަމެއް ނޫންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި، އަންނަ އަހަރަށް ލަފާކުރާ ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު، ގާސިމް އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒުހޫރު ވިދާޅުވީ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް އަޅާނަމަ ބައިވަރު މައުލޫމާތު އެއްކުރަން ޖެހޭ ކަމަށެވެ. އަދި އަޅާ ކޮންމެ ސްޓޭޝަނަކާ އެކު ސަރުކާރުގެ ރިކަރަންޓު ޚަރަދު އިތުރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، ރަށެއްގައި ޕޮލިސް ސްޓޭޝަނެއް އަޅާ ނަމަ އެ ރަށެއްގެ ކުށުގެ ވެށި އޮތް ގޮތާއި ކުށުގެ މިންވަރު ރަނގަޅަށް ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

"ވީހާވެސް ބޮޑަކަށް ކޮމިއުނިޓީ ޕޮލިސިންގް އަށް ދިއުމަށް ހިތްވަރު ދިނުމަށް މިއަދުގެ ސަރުކާރަށް ވިސްނުނީ. އެހެންވީމަ މިވަގުތަށް އަޅުގަނޑުމެން ޕޮލިސް ސްޓޭޝަން އެކި ތަންތަނުގަ އެޅުމުގެ ބަދަލުގަ މިހާރު ހުރި ތަންތަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން. ރާއްޖޭގެ 188 ރަށުގަ ކޮންމެ ރަށެއްގެ ޕޮލިސް ސްޓޭޝަނެއް ހުރުމަކީ އެއީ މުހިއްމު ކަމެއް ކަމުގައި މިއަދުގެ ސަރުކާރަކަށް ނުފެނޭ،" ޒުހޫރު ވިދާޅުވިއެވެ.

ބަޖެޓު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރު ކުރީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި، މިނިސްޓަރު ޒުހޫރާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން އަބްދުލް މަތީން އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ އެ މެމްބަރުން ނިސްބަތްވާ ދާއިރާތަކަށް ޕީއެސްއައިޕީ ބަޖެޓުގައި ކަނޑައަޅާފައިވާ ޕްރޮޖެކްޓުތަކާއި، އުނިކޮށްފައި ހުރި ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ސުވާލުކޮށް ހަދާފައެވެ.

މިއަދު މެންދުރު ފަހު ބޭއްވި މި ބައްދަލުން ނިންމާލަމުން އެ ކޮމިިޓީގެ މުގައްރިރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓާ ގުޅޭ ގޮތުން ވަޒީރުންނާ ސުވާލު ކުރުމުގެ ފަހު ބައްދަލުވުން އޮންނާނީ މާދަމާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހިންގުމަށް ހިމަނާފައިވަނީ އަށް ބިލިއަން ރުފިޔާއެވެ. އެއީ އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވާ 26 ބިލިއަން ރުފިޔާގެ 29.8 ޕަސެންޓެވެ.