އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖު ތަކުގައި ދިވެހި ސިފައިން ބައިވެރިކުރުވުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި އެވެ.

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް މެންބަރުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 61 މެންބަރުން އެ މައްސަލަ ކޮމިޓީއަކަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވީ ކަމަށެވެ.

އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުމަށް މި އަހަރުގެ އޭޕްރީން މަހު ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ގާނޫނުއަސާސީގެ 243 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ހުށަހަޅުއްވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ރާއްޖެ އަމާން ތަނަކަށް ހެދުމަށްފަހު، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖު ތަކުގައި ދިވެހި ސިފައިން ބައިވެރިކުރުވަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ގޮވައިލައްވައިފަ އެވެ.

ސުލްހަ ބަލަހައްޓާ ފައުޖުގައި ދިވެހި ސިފައިން ބައިވެރި ކުރުވުމަށް، ސަރުކާރުގެ މެންބަރުންނާއި އިދިކޮޅު މެންބަރުން ތާއީދު ކުރެއްވި ނަމަވެސް އިދިކޮޅު މެންބަރުން ވިދާޅުވީ، އެފަދަ ކަމެއްގައި ބައިވެރި ވުމުގެ ކުރިން ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ ފައުޖުގައި ސިފައިން ބައިވެރި ކުރާނެ އަދަދާއި އެކަމުގެ ސަބަބުން ބަޖެޓަށް ކުރާނެ އަސަރާއި ސިފައިންނަށް ލިބިދާނެ ޖިސްމާނީ ގެއްލުމާމެދު މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ދިވެހި ސިފައިން މަސައްކަތް ކުރަންޖެހޭނީ ފްރޮންޓް ލައިންގައިތޯ އާއި ފާރަވެރިންގެ ގޮތުގައިތޯ ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.