15 Nov 2016, 20:18
އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށަން ތާއީދުކުރައްވާ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.
މިހާރު މަޖިލީހުގައި ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ، އިންކަމް ޓެކްސް ނެގުމާ ދެކޮޅު ހަދާފަރާތްތަކުން އަމާން ދޭންޖެހޭ ކަމަށާއި އަންނަ އަހަރު އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"ދިވެހި ރާއްޖޭގައިތިބި ފުންނާބު އުސް ވިޔަފާރިވެރިންނަށް ގޮވާލަން އިންކަމް ޓެކްސް ނެގުމާ ދެކޮޅަށް މަސައްކަތެއް ކުރާނަމަ އަމާން ދިނުމަށް. އަޅުގަނޑުމެން ބޭނުންވަނީ އިންކަމް ޓެކްސް ތައާރަފް ކުރަން. އަޅުގަނޑުމެން ބޭނުންވަނީ މިސަރުކާރުން އިންކަމް ޓެކްސް ނަގަން،" ސުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ، އިންކަމް ޓެކްސް ތައާރަފްކޮށް އެ ޓެކްސް ނަގަންފަށާއިރު ރައްޔިތުންނަށް ސަބްސިޑީތަކެއް އޮންނަންޖެހޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ ބަޖެޓު ބަހުސާއެކުވެސް އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ގިނަ ބަހުސްތަކެއްކުރެވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އިންކަމް ޓެކްސް ނަގަން ފަށައިފިނަމަ ރާއްޖެއަށް އިންވެސްޓްކުރަން އަންނަ ބޭރުގެ ފަރާތްތަކުގެ ޝައުގުވެރިކަން ވަގުތުން ގެއްލިގެންދާނެ ކަމަށެވެ.
ނަމަވެސް އިންކަމް ޓެކުހަކީ ނަގަން ޖެހޭ އެއްޗެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ، ރާއްޖޭގައި ފަރުދުންގެ މެދުގައި އާމްދަނީގެ ފަރަގު ކުޑަކުރެވޭނީ އިންކަމް ޓެކްސް ނަގައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އިންކަމް ޓެކްސްއާ ބެހޭގޮތުން އަޅުގަނޑުގެ ޕާސަނަލް ވިއުއެއް ދަންނަވަން ޖެހޭނީ. އިންކަމް ޓެކްސްއަކީ ނަގަން ޖެހޭ އެއްޗެއް. ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އާމްދަނީގެ އިންއީކުއަލިޓީ ކުޑަ ކުރެވޭނީ ރަނގަޅު ނިޒާމެއްގެ ތެރެއިން އިންކަމް ޓެކްސް ނެގިގެން،" ޑރ. އަޒީމާ ވިދާޅުވިއެވެ.
ރާއްޖޭގައި ނަގާ ޓެކްސްތަކުގެ ތެރޭގައި ޖީއެސްޓީ، ޓޫރިޒަމް ޖީއެސްޓީ، ބިޒްނަސް ޕްރޮފިޓް ޓެކްސް، ރެމިޓޭންސް ޓެކްސް އަދި ގްރީން ޓެކްސް ހިމެނެއެވެ. އެހެން ނަމަވެސް އިންކަމް ޓެކުހެއް އަދި ނުނަގައެވެ.