15 Nov 2016, 19:36
ދެހާސް ސާދަ ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕް ފައިނަލްގައި ކްލަބު އީގަލްސް ބަލިކޮށް ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރި ހޯދައިގެން އެ މުބާރާތުގެ ފުރަތަމަ މެޗު އީގަލްސްއިން ކާމިޔާބްކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ކުރީ ކޮޅުގައި އީގަލްސްއިން ވަނީ ލީޑް ނަގައިފައެވެ. މެޗުގެ 14 ވަނަ މިނެޓްގައި އިބްރާހިމް މުބީން ނިއުގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލުގެ ތެރެއަށް ވަނީ ނިއުގެ އަލީ ޝާމިއުގެ ފައިގަ ޖެހިފައެވެ.
އެ ލަނޑަށް ފަހު ނިއުއިން ވަނީ ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ނަމަވެސް ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަހުމަދު ޝުހައިލް އަށް، މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތު ތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
ވާރޭގެ ސަބަބުން ދެ ޓީމުގެ ކުޅުންތެރިންނަށް ވެސް ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކެއް ކުރިމަތިވި އެ މެޗުގައި ނިއުއަށް ނަތީޖާ އެއްވަރުކޮށްލަން އެންމެ ހުސް ފުރުސަތެއް ލިބުނީ ޝުހައިލަށެވެ. ނަމަވެސް މެދު ރޮނގުމަތިން ހަމްޕު ހިފައިގެން ދިޔަ ބޯޅަ އީގަލަސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ މުޅިން ހުސްކޮށް ޝުހެއިލަށް ދިން ނަމަވެސް އޭނާ އެ ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުޝިޔާރުކަމާއި އެކު ބޯޅަ އަތުލައިފައެވެ.
ދެވަނަ ހާފު ފެށިގެން ވެސް ނިއުއިން ރަނގަޅަށް ކުޅުނު ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަށް ގޯލަކަށް ހަދާނުލެވުމުގެ ފައިދާ އީގަލްސްއިން ނަގައި ވަނީ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. އީގަލްސްގެ ދެވަނަ ލަނޑު 64 ވަނަ މިނެޓްގައި މުބީން ކާމިޔާބުކޮށްދިން އިރު ތިން ވަނަ ލަނޑު 75 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބިދޭސީ ފޯވާޑް ރިސްޓޭއެވެ.
ޕްރެޒިޑެންޓް ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ސ. ފޭދޫ ޓީމެވެ.