ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ޕްރޮމޯޓުކުރުމަށްޓަކައި، ހެލްތު ސެކްޓަރަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ 2016"ގައި މިހާތަނަށް ރާއްޖެއާއި އިންޑިއާގެ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ، ނަން މަޝްހޫރު ހޮސްޕިޓަލްތަކުން ބައިވެރިވެފައިވާ ކަމަށް މައުރަޒު އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މެޑިކަލް އެންޑް ހެލްތު އެކްސްޕޯ އޮންނާނީ މިހިނގާ ނޮވެމްބަރު މަހުގެ 24، 25 އަދި 26 ވަނަ ދުވަހު، މާލޭގެ ނޭޝަނަލް އާޓް ގެލަރީގައެވެ. މި މައުރަޒު އިންތިޒާމުކުރަނީ، އެމްވީ މެޑިކަލްސްއާއި މެޑްލައިފް އޭޝިއާ ގުޅިގެންނެވެ.

އެމްވީ މެޑިކަލްސްއިން މައުލޫމާތު ދޭ ގޮތުގައި، މި މަހުގެ ފަހުކޮޅު އޮންނަ މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި، ރާއްޖޭން ހަތް ފަރާތެއް އަދި އިންޑިއާއިން ހަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭން ބައިވެރިވެފައިވާ ފަރާތްތަކަކީ އޭޑީކޭ ހޮސްޕިޓަލް، އޭޑީކޭ ފާމަސޫޓިކަލްސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، މަމްނޫޒް މޯލްޑިވްސް، މެޑިކުއިޕް މޯލްޑިވްސް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިންއެވެ.

އިންޑިއާއިން ބައިވެރިވާ ފަރާތްތަކަކީ ގްލޯބަލް ހޮސްޕިޓަލްސް، މަނިޕާލް ހޮސްޕިޓަލް، ޕްރަސާންތު ފާޓިލިޓީ ރިސާޗް ސެންޓަރ، ޗައިތަންޔާ އައި ހޮސްޕިޓަލް، ކޮލިޓޭޓް މެޑިކެއާ އަދި އާނަންތަޕޫރީ ހޮސްޕިޓަލެވެ.

މީގެ އިތުރުންވެސް ރާއްޖެއާއި އިންޑިއާގެ ބައެއް ފަރާތްތަކުން އެކްސްޕޯގައި ބައިވެރިވާނެއެވެ.

އެމްވީ މެޑިކަލްސްއިން މައުލޫމާތު ދޭ ގޮތުގައި، މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި، އެކި ދާއިރާތަކަށް ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ބައްދަލުކޮށް، އެ ޑޮކްޓަރުންގެ އޮޕީނިއަން ހޯދައި، މެޑިކަލް ރިޕޯޓުތައް ދައްކައި ބައްޔާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ސިއްހީ ޚިދުމަތް ހޯދުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގައި ވިއްކާ މެޑިކަލް އިކުއިޕްމެންޓާއި ވަކިވަކި އިންޑަސްޓްރީތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މެޑިކަލް އިކުއިޕްމެންޓުތަކުގެ މައުލޫމާތުގެ އިތުރުން، ސިއްހަތާއި ސިއްހީ ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް ސްޓޯލްތަކުން ލިބެން ހުންނާނެއެވެ.

އެމްވީ މެޑިކަލްސްއިން މައުލޫމާތު ދޭ ގޮތުގައި، އެކްސްޕޯގައި ބައިވެރިވާ ކުންފުނިތަކަށް ދޫކުރި ޖާގަތައް މިހާރު ވަނީ ހުސްވެފައެވެ.

މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ކުރިޔަށް ދާނީ އާންމުންނަށް ހިލޭ ވަނުމުގެ ފުރުސަތާ އެކުގައެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް، މޯލްޑިވިއަންގެ ހެޔޮ އެދުންތަކާ އެކު އިންޑިއާގެ ޗެންނާއީއަށް ދިއުމަށް ދެކޮޅު ޓިކެޓު ލިބޭނެއެވެ.

މީގެ އިތުރުން އިތުރު ނަސީބުވެރިއަކަށް ކޮންމެ ދުވަހަކު އައިޕެޑެއް ވެސް އިނާމެއްގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ހަމަ އެއާ އެކު، ސްޓޯލުތަކުގައި ވެސް، ބައިވެރިންނަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކަކާއި ކަންކަން ކުރިޔަށް ދާނެ ކަމަށް އެމްވީ މެޑިކަލްސްއިން ބުނެއެވެ.

މޯލްޑިވްސް މެޑީކަލް އެންޑް ހެލްތު އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭޑީކޭ ހޮސްޕިޓަލެވެ. މި އެކްސްޕޯގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.