މި އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މެއި މަހު މާލޭގެ އިންފްލޭޝަން ރޭޓް 4.23 ޕަސެންޓް މަތިވެއްޖެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން ނެރެފައިވާ މިދިޔަ މަހު މާލޭގެ މުދަލާއި ހިދުމަތުގެ އަގުތަކަށް އައި ބަދަލު ނުވަތަ ކޮންސިއުމާ ޕްރައިސް އިންޑެކްސް )ސީޕީއައި( ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މިދިޔަ މަހު މާލޭގެ އިންފްލޭޝަން ރޭޓް 4.23 ޕަސެންޓް މަތިވެފައިވާއިރު، މަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު އުޅެނީ 3.16 ޕަސެންޓްގަ އެވެ.

އެ ޑިޕާޓްމަންޓުން ބުނީ މި އަހަރުގެ އޭޕްރިލް މަހާ އަޅާ ބަލާއިރު މެއި މަހު ކާބޯ ތަކެތީގެ އިންފްލޭޝަން 8.16 ޕަސެންޓް މަތިވެފައިވާ ކަމަށެވެ. މަހުގެ އަގަށް އައި ބަދަލު ނުލައި މި އަދަދު އުޅެނީ 5.55 ޕަސެންޓްގަ އެވެ.

އަދި މިދިޔަ މަހުޑޮކްޓަރަށް ދެއްކުމުގެ ފީ 15 ޕަސަންޓް، ބައިނަލް އަގުވަމީ ފްލައިޓްތަކުގެ ޓިކެޓުގެ އަގު ނުވަ ޕަސަންޓް އަދި ޕެޓްރޯލްގެ އަގު އަށް ޕަސަންޓް ބޮޑުވެފައިވާ ކަމަށް ވެސް ޕްލޭނިން ޑިޕާޓްމަންޓް އިން ބުންޏެވެ.

މީގެ އިތުރުން، 2009 ޖޫން އިން 2010 މެއި ނިޔަލަށް ހިނގި 12 މަސް ދުވަހުގެ މުއްދަތާ އަޅާބަލާއިރު 2010 ޖޫން އިން 2011 މެއިގެ ނިޔަލަށް ހިނގި 12 މަސް ދުވަހުގެ ތެރޭ، މަހުގެ އަގަށް އައި ބަދަލު ނުލައި އިންފްލޭޝަން ރޭޓް 7.62 ޕަސަންޓަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް ސީޕީއައިގެ ހިސާބުތަކުން ދައްކަ އެވެ. މަހުގެ ބާވަތްތަކުގެ އަގަށް އައި ބަދަލު ހިމަނައިގެން މި އަދަދު އުޅެނީ 6.54 ޕަސަންޓުގަ އެވެ.

ޕްލޭނިން ޑިޕާޓްމަންޓް އިން ބުނީ، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭ އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ މަހުގެ އަގު ކަމަށެވެ. އެގޮތުން މަހުގެ އިންފްލޭޝަން ރޭޓް މިހާރު ވަނީ 82.4 ޕަސަންޓަށް އަރައިފަ އެވެ. މި މުއްދަތުގެ ތެރޭ މަހުގެ ބާވަތްތައް ނުލައި ކާބޯތަކެތީގެ އިންފްލޭޝަން އުޅެނީ 19.28 ޕަސަންޓުގަ އެވެ.