15 Nov 2016, 15:02
ދުއްވާފައި ދަނިކޮށް ޕެޓްރޯލު ހުސްވެގެން ހުއްޓުނު ސައިކަލަކަށް، ޕެޓްރޯލު އެޅުމަށްފަހު ޕާކުކޮށްފައި ހުއްޓާ އެ ސައިކަލުގައި އަލިފާން ރޯވެ އަނދައިފި އެވެ.
އެ ސައިކަލުގައި ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައެއް ނުވެއެވެ.
ރޯވި ސައިކަލުގެ ވެރިފަރާތް "ސަން" އަށް ބުނީ، ސައިކަލުގައި ބުރުޒުމަގުން ހުޅަނގަށް ދުއްވާފައި ދަނިކޮށް އަހުމަދިއްޔާ ސްކޫލާ ހަމައިން ސައިކަލު ހުއްޓުނު ކަމަށެވެ.

ސައިކަލުގައި އަލިފާން ރޯވުމުން ނިއްވާލާފައި --- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ
"އަހުމަދިއްޔާއާ ހަމައިން ސައިކަލު ހުއްޓުނީ. ދެން ބަލާލި އިރު ހުރީ ޕެޓްރޯލް ހުސްވެފައި. ދެން ގޮސް ފުޅިއަކަށް ޕެޓްރޯލް އަޅައިގެން އައިސް ސައިކަލަށް އަޅާފައި ވަނީ ކައިރީ ހުރި ހޮޓަލަކަށް. ވަދެފަ ނުކުތް އިރު ހުރީ ރޯވެފައި،" ސައިކަލުގެ ވެރިފަރާތް ސަން އަށް ކިޔައިދިނެވެ.
ރޯވެފައި ވަނީ ހޮންޑާ އެއާބްލޭޑް ސައިކަލެއްގަ އެވެ. ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެ އަލިފާންގަނޑު ނިވާލާފަ އެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ސައިކަލު ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާ ހުލިވެފަ އެވެ.

ސައިކަލުގައި އަލިފާން ރޯވުމުން ނިއްވާލާފައި --- ސަން ފޮޓޯ/ އަހުމަދު މުޖުތަބާ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސައިކަލުގައި ރޯވީ ކީއްވެކަން އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ބުނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.