15 Nov 2016, 14:45
ޕީޕީއެމް ޕާލިމްންޓްރީ ގުރޫޕުގެ ހަތަރު ވަނަ ޑެޕިއުޓީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހަމަޖައްސައިފި އެވެ.
އަލީ އަރިފާއެކު ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ދެން ތިއްބެވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
އަލީ އާރިފަކީ ޕީޕީއެމްގެ ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޕީޕީއެމްގެ ކައުންސިލުގައި ވެސް އަލީ އާރިފް ހިމެނި ވަޑައިގަންނަވަ އެވެ.
ޕީޕީއެމް އުފެއްދުމުގައި ވެސް ވަރަށް ބޮޑު ރޯލެއް އަލީ އާރިފް އަދާކުރައްވާފައިވާ ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ދެފަޅިވެ ޕާޓީގެ ރައީސް މައުމޫނު އަބްލްގައްޔޫމަށް ބައެއް މަޖިލިސް މެމްބަރުން ތާއީދު ކުރައްވާފައިވީ ނަމަވެސް އަލީ އާރިފް ހުންނެރީ ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ވަފާތެރި ބޭފުޅެއްގެ ގޮތުގަ އެވެ.