އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އުފަންވެވަޑައިގަތީ ޕާކިސްތާނަށް ކަމަށް ޕާކިސްތާނުގެ ނިއޯ ނޫހުން ބުނެފި އެވެ.

ނިއޯ ނޫހުގެ ރިޕޯޓެއްގައިވާ ގޮތުން ޓްރަމްޕް އުފަންވެވަޑައިގަތީ 1946 ވަނަ އަހަރު ޕާކިސްތާނުގެ ވަޒިރިސްތާނަށެވެ. އަދި ޓްރަމްޕްގެ އަސްލު މައިންބަފައިން އޭނާ އަށް ދިން ނަަމަކީ ދާވޫދު އިބްރާހިމް ޚާނެވެ.

އެނޫހުން ބުނާ ގޮތުގައި ޓްރަމްޕްގެ މައިންބަފައިން ކާރު އެކްސިޑެންޓެއްގައި މަރުވުމުން އިނގިރޭސިވިލާތާއި އިންޑިއާގެ ވަޒަންވެރިކަން އޮންނަ އަސްކަރީ ކެޕްޓަނަކު ޓްރަމްޕް ލަންޑަނަށް ގެންދިޔަ އެވެ. އަދި އޭގެ ފަހުން 1955 ވަނަ އަހަރު އެމެރިކާގެ ދެމަފިރިން އޭނާ އެޑޮޕްޓް ކޮށްގެން އެމެރިކާ އަށް ގެންދިޔައީ އެވެ.

މީގެ އިތުރުން ނިއޯ ނޫހުން ވަނީ ޓްރަމްޕްގެ ކުޑައިރުގެ ފޮޓޯއެއް ކަމަށް ބުނެ ކުޑަކުއްޖެއްގެ ފޮޓޯ ވެސް ދައްކާފަ އެވެ.

އެރިޕޯޓު އެންމެ ފުރަތަމަ ނިއޯ ނޫހުން ދެއްކީ މިދިޔަ މަހު އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިންނެވެ. ނަމަވެސް އިންތިހާބަށް ފަހު އެރިޕޯޓު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެރިޕޯޓު ހަދާފައި ވަނީ ހަގީގަތް ޔަގީން ނުކުރެވޭ ޓުވީޓުތަކަކަށް ބިނާކޮށްފައި ކަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ީމީގެ ކުރިން އެތައް އަހަރުތަކެއް ވަންދެން ޓްރަމްޕް ވަނީ ރައީސް ބަރަކް އޮބާމާ އުފަންވެވަޑައިގަތީ އެެމެރިކާއަށްތޯ ސުވާލު އުފައްދާފަ އެވެ. އެންމެފަހުން 2011 ވަނަ އަހަރު އޮބާމާ ވަނީ ޕްރެސް ކޮންފަރެންސެއް ބާއްވަވައި، އެނާގެ އުފަން ސެޓްފިކެޓް ދައްކާލާފަ އެވެ. (ބީބީސީ)