15 Nov 2016, 14:30
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމަ އެކަނި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.
އޭނާ މަޖިލީހަށް ހުށަހަޅާފައި ވަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) އުނިކުރުމަށްފަހު، އެ މާއްދާގެ ނ އަދި ރ އިސްލާހު ކުރުމަަށެވެ.
އެ މާއްދާގެ (ށ) އުނި ކުރުމުން އިސްލާމީ ފަތުވާ ދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރަކަށް ނުލިބޭނެ އެވެ. މިހާރު އެ މަޖިލީހަށް އެއް މެމްބަރަކު އުއްތަމަ ފަނޑިޔާރަށް އައްޔަން ކުރުމުގެ ބާރު އޮވެ އެވެ.
ޝާހު އިސްލާހުކުރަން ހުށަހަޅާފައިވާ އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ)ގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ މެމްބަރެއް އައްޔަން ކުރަން އޮތް އޮތުން މަޖިލީހުގެ ރުހުން ނުހޯދާ ހަމައެކަނި ރައީސަށް މެމްބަރުން އައްޔަން ކުރެވޭ ގޮތަށް ބަދަލު ކުރުމަށެވެ.
އޭގެ އިތުރުން އޭނާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ އެ މާއްދާގެ (ރ) ގައިވާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ދެ މެންބަރުންގެ ބަދަލުގައި ތިން މެމްބަރުން އައްޔަން ކުރުމަށެވެ.
ސަރުކާރަށާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށް "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދުމަށް ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.