ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމާ މެދު ދިވެހިން މިހާރު ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ ކަމަށް ނެޝަނަލް ތެލަސީމިއާ ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގެ ޕްރޮގްރާމް ކޯޑިނޭޓަރު ޢަބުދުލް ޣަފޫރު މިއަދު ވިދާޅުވީ ލޭ ހަދިޔާކުރުމާ މެދު ދިވެހިން ކުރިއަށް ވުރެ ހޭލުންތެރިވެފައިވާ ކަން ފާހަގަކުރެވޭ ކަމަށާއި ތެލެސީމިއާ ސެންޓަރަށް ލޭ ލިބުން ވެސް މިހާރު އިތުރުވެފައިވާ ކަމަށެވެ.

"ކުރިއާ އަޅާ ބަލާއިރު ލޭ ހަދިޔާ ކުރުމަށް މީހުންގެ ހޭލުންތެރިކަން އިތުރުވަމުން އަންނަ ކަމަށް ފާހަގަކުރެވޭ، އެހެން ނަމަވެސް އަދިވެސް ލޭ އަޅަން ޖެހޭ ކުދިންނަށް ބޭނުންވާ ވަރަކަށް ލެއެއް ނުލިބޭ،" ޣަފޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ލޭ ލިބޭ މިންވަރުން ތެލަސީމިއާ ކުދިންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުދިންގެ ތެރެއިން މާލޭގައި ދިރިއުޅޭ ކުދިންނަށް ލޭ ލިބުމުގައި މާބޮޑު ދަތިކަމެއް ނެތް ކަމަށެވެ. ނަމަވެސް އަތޮޅުތަކުގެ ބައެއް ކުދިންނަށް ލޭ ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އަދިވެސް އެބައޮތް ކަމަށެވެ.

ޣަފޫރު ވިދާޅުވީ ބައެއް ޖަމިއްޔާ ޖަމާއަތްތަކާއި ކުންފުނިތަކުން ބްލަޑް ކޭމްޕްތައް ބާއްވަމުން ދިއުމަކީ ލޭ ދިނުމާއިމެދު މީހުންގެ ހޭލުންތެރިކަން އިތުރުވެފައިވާކަން ދައްކައިދޭ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ކޭމްޕްތަކުން ލިބޭ އެހީއާއެކު ވެސް ރައްކާކުރާ ވަރަށް ސެންޓަރަށް ލޭ ނުލިބޭ ކަމަށެވެ.

"ރައްކާކޮށްފައި ބަހައްޓާ ވަރަކަށް ލެއެއް ނުލިބޭ. ބްލަޑް ކޭމްޕަކުން އާއްމުކޮށް ލިބެނީ 60 އާއި 70 އާ ދެމެދުގެ އަދަދެއްގެ މީހުން ދޭ ލޭ. އެކަމަކު ތެލަސީމިއާ ސެންޓަރުން ކޮންމެ ދުވަހަކުވެސް 22 ނުވަތަ 24 ކުދިންނަށް ލޭ އަޅާ،" ޣަފޫރު ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގެ މީހުން ކަންކުރާ ގޮތަށް އަގަށް ލޭދޭ މީހުން ރާއްޖޭގައި އުޅޭކަން ފާހަގަކުރެވިފައި ވޭތޯ ދެންނެވުމުން ޣަފޫރު ވިދާޅުވީ ރާއްޖޭގައި އެފަދަ ކަމެއް ވަރަށް ނުހިނގާ ކަމަށާއި ލޭ ލިބެނީ މުޅިންވެސް ހިލޭ ކަމަށެވެ.

އައިޖީއެމް އެޗުން ބުނީ ބްލަޑް ބޭންކުގައި ރައްކާކޮށްފައި ބަހައްޓަން މާ ގިނަ ލޭ ނުލިބުނު ކަމުގައި ވިޔަސް ، އިމަޖެންސީކޮށް ބަލިމީހުންނަށް ލޭ ބޭނުންވާ ހާލަތުގައި ލޭ ލިބޭ ކަމަށެވެ. އެގޮތުން ލޭ ހޯދަން އިއުލާން ކުރާތާ ލަސްވެގެން ގަޑިއެއްހާ އިރުގެ ތެރޭގައި ލޭ ލިބޭކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ލޭ އަޅަން ޖެހޭ ކުދިންގެ ދަފުތަރުގައި މިވަގުތުވެސް 500 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީކޮށްފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން މިއަހަރު އާއްމުކުރި ފެކްޓް ޝީޓްގައި ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ 62 ގައުމެއްގައި ބަލި މީހުންނަށް ބޭނުންވާ ލޭގެ މުޅި ސަޕްލައި އަކީ ހިލޭ ލިބޭ ލެއެވެ. ނަމަވެސް 40 ގައުމެއްގައި ހިލޭ ލިބެނީ ބޭނުންވާ ލޭގެ 25 ޕަސެންޓަށް ވުރެ މަދުންނެވެ.

ޖޫންމަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.