19:00


ބަންގްލަދޭޝް އިން ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް ޑާކާގައި ހުންނަ ދިވެހި އެމްބަސީން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނެފި އެވެ.


މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ ރާއްޖެ އަށް އެންމެ ގިނަ މަސައްކަތު މީހުން އަންނަ ގައުމުގެ ވެރިރަށުގައި ހުންނަ އެމްބަސީން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން ގެންދަވާ ކަމަށެވެ.


އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއާ އެކު މިހާރު ބައްދަލުވުމެއް ބާއްވައިފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ވެސް އެކަން ކުރެވޭތޯ މަސައްކަތްކުރަމުން ގެންދާ ކަމަށާއި އެ ގައުމުގެ ފޮރިން މިނިސްޓްރީން ހުއްދަ ލިބުނުހާ އަވަހަކަށް އިމިގްރޭޝަންގެ އޮފިސަރުން ފޮނުވައިގެން އެކަން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.


އިލްޔާސް އަދި ވިދާޅުވީ އާދައިގެ ޕާސްޕޯޓް ހިފައިގެން ދަތުރުކުރާ ދިވެހިންނަށް ބަންގްލަދޭޝް އަށް އެތެރެވުމަށް މިހާރު ދަތިތަކަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެތެރެވަރީގެ ހުރިހާ ގައުމަކުންވެސް ވިސާ ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އިލިޔާސް ވިދާޅުވި އެވެ.